އެކި އެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި އެހެނިހެން ހާއްސަ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހާއްސަ ސިޔާސަތުތަކެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެކަމާ ގުޅިގެން ކެބިނެޓަށް ހުޅަހަޅާފައިވަނީ ހެލްތް މިނިސްޓްރީއިން ކަމަށެވެ.

މިހާރުން މިހާރަށް ވަޒީފާ ނުކުންނަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ސްކީމެއްގެ ދަށުން އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއަކުން މި ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި "ޕްލެކްސިބަލް ވޯކިން އަވާސް" ތައާރަފްކޮށް 8 ގަޑިއިރަށްވުރެ މަދުން މަސައްކަތްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފަރާތްތަކުން މަސްކަތް ކުރާ ވަގުތަށް ރިއާޔަތްކޮށް ދޭނެ އުޖޫރަ އެއް ކަނޑައެޅުމަށްވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ 55 އަހަރުވެފައިވާ ނުވަތަ ރިޓަޔާވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނިކުންނަން ބޭނުންވާ ފަރާތްތަކަކީ ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ފަރާތެއް ކަމަށްވާނަމަ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ ފުރުސަތު ދެވޭނެ ގޮތަކަށް ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެކަންކަން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ވެސް އެފަދަ އެހެން ދާއިރާތަކަށް މި ފަދަ އުސޫލުތަކެއް އުލަވާލުމަށް ކަމާ ގުޅޭ އިދާާތަކާ މަޝްވަރާކުރެވިގެން ހަފްތާ 14 ނިމުމުގެ ކުރިން ކެބިނެޓް ހުށަހަޅާ ގޮތްތަކެއް ނިންމަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.