ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ، ޓްރާންޝިޕްމެންޓަށް ހާއްސަ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައެވެ.

ރައީސް މި ނިންމެވުން ނިންމެވިކަން ހާމަކުރެއްވީ މިރޭގެ ވަގުތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސައީދު ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ރައީސް ނިންމެވީ ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށާއި ޓްރާންޝިޕްމެންޓު ވިޔަފާރި ކުރިއެރުވުމުގެ މަގްސަދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، މި ކުންފުންޏަކީ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

ނަމަވެސް މި ކުންފުންޏާ ބެހޭ މާ ބޮޑު ތަފްސީލެއް ސައީދު ހާމަނުކުރައްވައެވެ. އަދި މިނިސްޓްރީން ވެސް ސައީދުގެ ޕޯސްޓަށް އެއްވެސް ތަފްސީލެއް އިތުރެއް ނުކުރެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ވަނީ އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓުތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށް ވިދާޅުވެފައެވެ.