ޕީއެންސީ އާ ގުޅިވަޑައިގަންނަވަން ބޭނުންވާ މެންބަރުން އިދިކޮޅު އެމްޑީޕީގައި އެބަ ތިއްބެވި ކަމަށާއި، އެމަނިކުފާނު އަޒުލްކުރުމާ ދެކޮޅަށް ވޯޓު ނުދެއްވާނެ މެންބަރުން ވެސް އެބަ ތިއްބެވި ކަމަށް، އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަލްސާގައި އެމްޑީޕީގައި މީގެ ކުރިން ތިއްބެވި 13 މެންބަރަކު ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ. އެ 13 މެންބަރުންގެ ތެރެއިން މާލޭގައި މިވަގުތު ތިއްބެވި މެންބަރުން ވަނީ ރައީސާ ފޯމު ހަވާލުކުރައްވައިފައެވެ.

މިރޭ ޕީއެންސީ އަށް ސޮއިކުރެއްވި މެންބަރުންނަށް މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ، އެ ބޭފުޅުން މިރޭ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ފަރުދެއްގެ ވެސް އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު ބޮޑު ކަމަށެވެ.

"ތިބޭފުޅުން މިއަދު ހިޔާރުކުރެއްވީ އެ މަގު، ފަށްފަށުން ޝުކުރު ދަންނަވަން،" އެ ޕާޓީ އާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވިއެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ޕީއެންސީ އަށް ފާޅުގައި ސޮއިނުކުރެއްވި ނަމަވެސް، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީގައި މިވަގުތު ވެސް އެބަ ތިއްބެވި ކަމަށާއި، އޭގެ ތެރޭގައި 'އިނގިލި ބުރިކޮށްލިޔަސް' އެމަނިކުފާނު އަޒުލްކުރުމަށް ވޯޓު ނުދެއްވާނެ މެންބަރުން އެބަ ތިއްބެވި ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ، މަޖިލީހުގެ 'ސުޕަ' މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކު ރައީސާއި ނައިބު ރައީސް އަޒުލްކުރެވޭ ގޮތް ހަދަން މަގުފަހިވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު، މި މަހުގެ 18 ވަނަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ. މަޖިލީހުގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ބައެއް މެންބަރުން ސަރުކާރާ ގުޅިވަޑައިގަތުމަށް އިސްތިއުފާދެއްވުމާ ގުޅިގެން، އެ މެންބަރުން ނުހިމެނޭހެން، މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ސަބަބު ބަޔާންކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮޔާ އެކުގައެވެ. އެއީ މިހާރު ތިއްބެވި މެންބަރުންނަށް ބަލާ ނަމަ 27 މެންބަރުންގެ ސޮޔެވެ. އެހެންކަމުގައި ވާ ނަމަ، ރައީސް މަގާމުން ވަކިކުރެވޭނީ 54 މެންބަރުންގެ ވޯޓު ހަމަވުމުންނެވެ.

ނަމަވެސް މިރޭ ޕީއެންސީ އާ ގުޅިވަޑައިގަތް މެންބަރުންނާ އެކު އެމްޑީޕީ އަށް ވަނީ ރައީސް އަޒުލްކުރުމަށް އޮތް ފުރުސަތު ގެއްލިފައެވެ.