2019 އިން ފެށިގެން މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑްގެ ވަބާ ފިލައިގެން ނުދާއިރު އިންޑިއާގައި އާ ވޭރިއަންޓެއް ފެތުރެމުން އެބަދެއެވެ.

އެގައުމުގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި, މިހާތަނަށް އިންޑިއާގެ އެކި ހިސާބުތަކުން މި ވޭރިއަންޓުގެ 157 ކޭސް ފެނިފައިވާ އިރު, އެންމެ ގިނަ ކޭސް ފެނިފައި ވަނީ ކެރަލާއިންނެވެ. ކެރަލާ އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށާއި އެނޫން ކަންކަމުގައި ގޮސް އުޅޭ ޓްރިވޭންޑްރަމް ހިމެނޭ ސްޓޭޓެވެ.

ޖޭއެން.1 ނަމަކަށް ކިޔާ މި ވޭރިއަންޓް ފެތުރެމުން ދާ ސްޓޭޓްތަކާއި ސަރަހައްދުތަކުގެ ތެރޭގައި ކެރަލާ, ގުޖުރާތު, ކަރުނާޓަކާ, މަހާރާޝްތްރަ, ރާޖަސްތާން, ޓެމިލް ނާޑޫ, ޓެލަންގަނާ އާއި ދިއްލީ ވެސް ހިމެނެއެވެ.

މި ވޭރިއަންޓަކީ ކޮވިޑާ އެކު އުފަންވި އޮމިކްރޯން ފަދައިން ބާރަށް ފެތުރޭ ވޭރިއަންޓެއް ކަމުން ރައްކާތެރި ވުމަށްޓަކައި މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ވޭރިއަންޓަކީ އަވަހަށް ފެތުރޭ ވޭރިއަންޓެއް ނަމަވެސް ކޮވިޑާ އެއްގޮތަށް މިއީ ބަލިމަޑުކަމެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ, ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

މި ވޭރިއަންޓް އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ ފެނިފައެވެ.

މި ވޭރިއަންޓުގެ އަލާމާތްތައް;

  • ކެއްސުން
  • ކަރު މެށި ކަރުގައި ރިއްސުން
  • ނޭފަތް ބެދުން
  • އަރިދަފުސް ފޭބުން
  • ކިނބިހި އެޅުން
  • އަނބުރާގޮތް ވުން
  • ބޮލުގައި ރިއްސުން
  • ގައިގައި ރިއްސުން
  • ވަސް ނުދުވުން

ރާއްޖޭގައި ވެސް މިދުވަސް ވަރު މިފަދަ އަލާމާތްތައް ފެންނަ ބޮޑެތި މީހުންނާއި ކުޑަކުދިންގެ އަދަދު ގިނައެވެ. ނަމަވެސް އެއީ މި ވޭރިއަންޓު ކަމެއް ނުވަތަ އާދައިގެ ރޯގާއެއް ކަމެއް ސާފެއް ނުވެއެވެ. މި ވޭރިއަންޓް ރާއްޖެއިން ފެނުނު ކަމަކަށް ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާކުން އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ.