ސަރުކާރުން ބްލޮކްކުރި ދެ ނޫސް ވެބްސައިޓަށް މިހާރު ވަދެވޭ ގޮތް ހަދައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ މި ވަގުތު އެއްވެސް ވެބްސައިޓެއް ބަންދުކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މި ވަގުތު އެއްވެސް ވެބްސައިޓެއް ބަންދުކޮށްފައެއް ނެތް."
ޝަހީބު

މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ސަރުކާރުން ވަނީ 'ކުރުސީ.ކޮމް' އާއި 'ދިޔަވަރު.ކޮމް' ބްލޮކްކޮށްފައެވެ. އެކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝަހީބު ވިދާޅުވީ ވެބްސައިޓްތަކެއް ބަންދުކުރި ވާހަކަ މިދިޔަ ހަފްތާ ބަންދު ތެރޭގައި ވަރަށް ދެކެވެމުން ދިޔަ ކަމަށާއި އޭރުވެސް ކަށަވަރު ކަމާއެކު ވިދާޅުވަމުން ގެންދިޔައީ ރަޖިސްޓާޑް އެއްވެސް ވެބްސައިޓެއް ބަންދުނުކުރާކަނެ ކަމަށެވެ. އަދި އެއްވެެސް ވެބްސައިޓެއް ބަންދުކުރަން ރައީސް އަދި ރައީސް އޮފީހަކުންވެސް އަންގާފައި ނުވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުންވެސް ވެބްސައިޓުތައް ބްލޮކް ކޮށްފައިވާ ކަމަށާއި އެއީ އާ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރު އައިސްގެންވެސް ނިޒާމުގެ ތެރެއިން އެކަންތައްތައް ބަލަހައްޓަމުންދާ ފަރާތްތަކުން ގައުމީ ސަލާމަތާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަމުންގެންދާ ކަންތައްތަކެއް ކުރަމުންގެންދާނެ ކަމަށް ޝަހީބު ވިދާޅުވިއެވެ.