އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް، ޝެއާ ޓްރާންސްފާ އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ.

މިފްކޯ އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހައްދަވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ މުހިންމު އެއް ސިނާއަތަކީ މަސްވެރިކަން ކަން ފަހާގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މަސްވެރިކަން ފުޅާ ކުރުމައްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން މިފްކޯއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާ ވާ ކުންފުންޏަކަށް ހެދުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެލައިޑްގެ 00.01 ޕަސެންޓްގެ ހިއްސާއާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް ޝެއާ ޓްރާންސްފާ އެގްރީމެންޓްގައި ސޮއި ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މި ބަދަލާއެކު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކޮށް، މިފްކޯއަށް ބޭނުންވާ މާލީ އެހީއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އަދި އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ. ޝެއާ ޓްރާންސްފާ ކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

މި ނިންމުން ނިންމަވާފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދިއުމަށާއި މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލް ކުރުމަށް މަގުފަހި ކުރުން ކަމަށް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަދި މަސްވެރިންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތައް، ފިޝަރީޒް މިނިސްޓްރީން ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޕޮލިސީތައް އެކުލަވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފައެވެ.