ކޮންމެ ކަމެއްގައި ކައުންސިލްތަކުން ސަރުކާރަށް އަތް ދިއްކޮށްގެން ތިބޭ ތިބުން (ބަރޯސާވާ ބަރޯސާވުން) ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ފޯރަމް "ފަނޯއްލަ ދަރުބާރު 2023" ގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނުތަކުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުން ލިބޭ އިހްތިޔާރާއި ބާރުތައް ބޭނުން ކުރުމުގައި ރާއްޖޭގެ މަލްޓި-ޕާޓީ ޑިމޮކްރަސީ ނިޒާމު ޅަފަތުގައި އޮތް ދުވަސްވަރު ކޮންމެސް ވަރެއްގެ ހިޔަނިތަކެއް އެޅިގެން ގޮސްފައިވާ ކަމަށެވެ.

ކައުންސިލްތައް ހިންގުމުގެ ސަގާފަތްތަކާ އާދަތަކަށް ބަލާއިރު ކުރިން ކަންތައްތައް ކޮށްފަ ހުރި ގޮތްތަކަށް ކަންކަން ކުރުމުގެ ވިސްނުމެއް ހުރުމަކީ ފެންނަ މަންޒަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އަދިވެސް ބައެއް ކައުންސިލްތަކުން މަސައްކަތް ކުރުމުގައި ކުރީގެ ކަންކުރެވުނު ގޮތަށް ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

އެގޮތުން ބައެއް ކައުންސިލްތަކުން ބޭނުންވާ ކަމެއް އޮވެއްޖެނަމަ މިހާރުވެސް މަސައްކަތް ކުރަނީ މައި ސަރުކާރަށް ހުށަހަޅައިގެން މައި ސަރުކާރުގެ ތެރެއިން އެކަމެއް ކުރެވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލީ ތަނަވަސްކަން އިތުރު ކުރާނެ ގޮތުގެ ތަޖުރިބާ ނެތުމަކީ ވެސް ކައުންސިލްތަކާއި ސިޓީތަކަށް އަދި ވަކިވަކި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ. އަދިވެސް ގިނަ ކައުންސިލްތަކުން މަސައްކަތް ކުރަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ އެއްޗެއް ބޮޑު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ވަސީލަތްތައް މަދުވުމަކީ އޮތް ގޮންޖެހުމެއް ކަމަށްވީ ނަމަވެސް ބައެއް ކައުންސިލްތަކުން ކުންފުނިތައް އުފައްދާ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އަބަދު މައި ސަރުކާރަށް އަތް ދިއްކޮށްގެން ތިބޭ ތިބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ހަގީގީ މާނާގައި ކައުންސިލްތައް ބާރުވެރި ކުރެވޭނީ ރަށްރަށުގެ ފަރާތުން ލިބިދޭ މާލީ ބާރުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުޅާ ކުރުމުން ކަމަށެވެ. އަދި ކަމެއް ބޭނުންވާ ކޮންމެ ފަހަރަކު ސަރުކާރަށް އަތް ދިއްކޮށްގެން ތިބޭ ސަގާފަތެއް އޮވެއްޖެނަމަ، އޭގެ ފުރިހަމަ މާނައިގައި ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

މިއަދު ފެށި "ފަނޯއްލަ ދަރުބާރު 2023"ގެ މަޝްވަރާތަކަށްފަހު ބްލޮކް ގްރާންޓްގެ އިތުރުން ރަށްރަށަށް ލިބޭ އާމްދަނީއިން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުރިއަށްވުރެ ފަހި ފުރުސަތުތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ފަނޯއްލަ ދަރުބާރު 2023"އަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ލާމަރުކަޒީ ސިޔާސަތު ވިލަރެސްކުރުމުގެ ދެ ދުވަހުގެ މަހާސިންތާއެކެވެ.