ކުރިއަތް އޮތް ތަނުގައި ހައްޖު އަދި އުމްރާއަށް މީހުން ގެންދާ އަގު ކުޑަވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖެއަށް ސައުދީ ސަރުކާރުން ދޭ 1،000 ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަންއަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއެކު ވެވުނު މި އެއްބަސްވުމަކީ ދިވެހިރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގާއިމް ކުރެވުނު އެއްބަސްވުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި ފިޔަވަޅަކީ އަމިއްލަ ގްރޫޕުތަކުގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ނޫންކަން ޝަހީމް ވަނީ ފާހަގަ ކުރަައްވާފައެވެ.
މިއީ ރައްޔިތުންގެ މަސްލަހަތު ގާއިމްކުރުމަށްޓަކައި އެޅުނު ފިޔަވަޅެއްކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ މިހާރު ލިބޭ 1،000 ކޯޓާއަށްވުރެ ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު އިތުރުވެއްޖެނަމަ އެހެން ކުންފުނިތަކަށް އެ ކޯޓާތަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބޭ 1،000 ރަސްމީ ކޯޓާ ހައްޖު ކޯޕަރޭޝަންއަށް ދިނުމަށް ނިންމާފައި ވަނީ ވަރަށް ގިނަ މަޝްވަރާތަކަކަށްފަހުގައި ކަމަށެވެ. އެ ނިންމެވުން ނިންމެވީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތާކުގެ ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ ހެދުމުގެ ސަބަބުން ރައްޔިތުންނަށް ހިތްދަތި ކަމާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަންއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އަދި ސައުދީ އަރަބިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އަލަށް ހައްޖަށް ދާން ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމަށް ރަނގަޅު ވިސްނުންތަކެއް ގެންގުޅުއްވާކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްގީ ކުރެވިއްޖެނަމަ. ކުރިއަށް އޮތް ތަނުގައި އުމްރާއަށާއި ހައްޖަށް މީހުން ގެންދިއުމަށް ނަގާ ފައިސާގެ އަދަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި މި ކަމަށް އަމަލީ ސިފައެއް ގެނައުން ކަމަށާއި އިސްލާމިކް މިނިސްޓްރީއިން ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަންއާ ހަވާލު ކުރީ ވަރަށް ފޮނި އުންމީދަކާއެކު ކަމަށެވެ. ހައްޖު ކޯޕަރޭޝަންއިން ހިދުމަތްތައް ރަނގަޅުކޮށް، ޒިންމާދާރު ކަމާއެކު ކަންކަން ކުރިއަށް ގެންދާނެކަން ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ހައްޖަށް ދިއުމަށްޓަކައި ދައްކަންޖެހޭ ފައިސާ ކުޑަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކިއެކި ދާއިރާތަކުން އިންވެސްޓްކޮށް އަދި ހައްޖު ކޯޕަރޭޝަން ތަރައްގީކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުމުން އާންމު ރައްޔިތުން ހައްޖަށް ގެންދިއުމަށް މިހާރު ނެގޭ އަދަދު މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.