ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް، އިންޑިއާ ސަފީރު މުނު މަހާވަރާއި ބައްދަލު ކުރައްވައިފިއެވެ.

މި ދެ ބޭފުޅުން މިއަދު ބައްދަލު ކުރައްވާފައި ވަނީ އެމްއެންޑީއެފްގެ އިންޓަގްރޭޓެޑް ހެޑްކުއާޓަރުގައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އަސްކަރީ އެކި އެކި ހަރކާތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުންވެސް މިހާރު ކުރިއަށްދާ ދިފާއީ އެއްބާރުލުން ދިނުމުގެ ހަރަކާތްތައް މުނު މަހާވަރު ވަނީ ބައްލަވާލައްވާފައެވެ. އަދި މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ދީޕަކް ބާލީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ ވަރަށް މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ސިފަ ކުރައްވާ މުނު މަހާވަރު ވިދާޅުވީ، ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ދާދި ފަހުން އިންޑިއާ ސަފީރު ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ އިތުރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ ގަދައަށް އަޑު އުފުއްލެވި ކަންތައްވެސް މެއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު މި ސަރުކާރުން އެންމެ ފުރަތަމަ އިއުލާން ކުރީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން އެންމެފަހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިންނެވެ.