ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މާބަނޑު އަންހެނަކަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމަށް ބުނާ މައްސަލަ އެއް ބަލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ބަލަމުން ދަނީ ރ. ވާދޫ، މަރިޔަމް ސާނިޔާ އަށް ފުރަތަމަ ފަރުވާ ދިން ހޮސްޕިޓަލު ކަމަށްވާ އުނގޫފާރު ހޮސްޕިޓަލުގެ މައްސަލަ ކަމަށެވެ.

ބައެއް މީޑިއާތަކަށް ދިން މައުލޫމާތުގައި ސާނިޔާގެ އާއިލާގެ ފަރާތުން ވަނީ، އުނގޫފާރު ހޮސްޕިޓަލުގައި ސާނިޔާ ވިހެއުމަށް ބޭއްވި ދުވަސްވަރު އޭނާގެ ހާލު ދެރަވުމުން އެކަށީީގެންވާ ބޭސްފަރުވާ ދީފައިނުވާ ކަމަށް ތުހުމަތުކޮށްފައެވެ.

ހަމަ އެއާއެކު އުނގުފާރު ހޮސްޕިޓަލުގައި ބާއްވާފައި ވަނިކޮށް ސާނިޔާ ވިހަން އުޅޭތޯ ފިރިމީހާ ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ވިހަން ނޫޅޭ ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުން ބުނަމުން ދިޔަ ކަމަށް ވެސް، އާއިލާ އިން މީޑިއާތަކަށް ބުނެފައިވެއެވެ. އާއިލާ އިން ބުނި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ސާނިޔާގެ ދަރިފުޅު ބަނޑަށް މަރުވީ އެ ކުއްޖާ ނަގަން ތަކުރާރުކޮށް އެދެމުން ދަނިކޮށް ކަމަށެވެ.

އޭގެ ފަހުން ހާލަތު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާ އަށް ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ސާނިޔާ އަށް ވަނީ ވެންޓިލޭޓަރުގައި ފަރުވާދީފައެވެ. އެ ހޮސްޕިޓަލުން އޭރު ވަނީ، ސާނިޔާގެ ސިކުނޑި އާއި ހިތާއި ކިޑްނީ މަސައްކަތް ނުކުރާ ކަމަށް ބުނެފައެވެ.

ސާނިޔާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހުގައެވެ.