އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ދަތުރުކުރަމުން ދިޔަ އިންޑިއާ ސިފައިންގެ ވެހިކަލަކަށް ހަމަލާ ދީ 4 މީހަކު މަރާލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ކަޝްމީރުގެ ރަޖޯރީ ގައި އިންޑިއާ ސިފައިންގެ 9 މީހަކު ދަތުރުކުރަމުން ދަނިކޮށް ދިން ހަމަލާއެއް އެތަނުން 4 މީހަކު ތިބި ވެހިކަލަށް އަމާޒުވުމުންނެވެ.

މި ހަމަލާއާ އެކު އިންޑިއާގެ ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށާ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ހަމަލާ ދިން މީޙުން ފިލާތިބީ ކައިރީގައި އޮންނަ ޖަންގަލީގެ ތެރޭގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ސަރަހައްދު ވަށާލާފައި ވާކަމަށް ވެސް ބުނެއެވެ.

ހަމަލާދިން ސަރަހައްދަކީ, ފަރުބަދަމަތީގެ ލައިން އޮފް ކޮންޓްރޯލް އާ ކައިރީގައި އޮންނަ ސަރަހައްދެކެވެ. އެއީ ބޯޑަރު މައްސަލަގައި ޕާކިސްތާން އާއި އިންޑިއާ އަރާރުންވާ ސަރަހައްދެކެވެ.

1990 އިން ފެށިގެން އެސަރަހައްދުގެ މިލްކުވެރިކަމުގައި އިންޑިއާ އާއި ޕާކިސްތާން އަރާރުންވަމުން އަންނަ އިރު އިންޑިއާއިން ބުނަމުން ދަނީ އެސަރަހައްދުގައި ޓެރަރިސްޓުން އަށަގަންނުވާ އެމީހުންނަށް މާލީ އެހީތެރިކަމާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދަނީ ޕާކިސްތާނުން ކަމަށެވެ.

އެ ސަރަހައްދުގެ ކޮންޓްރޯލް އެއްކޮށް ނެގުމަށްޓަކައި އިންޑިއާގެ ސަރުކާރުން 2019 ވަނަ އަހަރު ވަނީ އެއީ އިންޑިއާގެ މައި ސަރުކާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާ, ކުރިން ވަކި ވެރިކަމެއް އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ.