ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
އެ ދަރިވަރުންނަކީ އާމިނަތު އަލްޔާ ޝާވިން އާއި މުހައްމަދު ސާޖިއު އިސްމާއީލް އަދި މުހައްމަދު އައިކު އަލީ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށާއި އެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށެވެ.
އެ ސްކޮލާޝިޕް ޕްރޮގްރާމް ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާ ހޯދާފައިވާ ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސް އިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އާއި އެނަލެޓިކްސް ފަދަ ބޭންކިންއާ ގުޅުން ހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތައުލީމް ހާސިލްކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެ ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ ލީޑާޝިޕް ހުނަރުތައް ހުރި ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން ކަމަށާއި މުޖުތަމައުގެ ލާބައަށް ހާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތައުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ގައުމުގެ މުސްތަގްބަލަށްޓަކައި މި ބޭންކަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް ކަމަށެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ މިދިޔަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލުކުރަމުން ކަމަށެވެ.