ވެރިފަރާތަށް ޕާސްޕޯޓް ދޫ ކުރާނަމަ އައިޑީކާޑާ ނުލާ ދޫ ކުރާ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިގޮތަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއި ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އިލެކްޓްރޯނިކް ޕާސްޕޯޓާ ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާ ނަމަ އައީޑީ ކާޑު ގެނެއުން ލާޒިމް ނުވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި 18 އަހަރު ނުވާ ކުޑަކުދިންގެ ބެލެނިވެރިން، ކުދިންނާއެކު ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވާނަމަ އެ ފަރާތްތަކުގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުންވެސް ކާޑު ވެރިފައި ކޮށްދޭނެ ކަމަށް ވެއެވެ.
ނޮން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރާއިރު ވެސް މިފަދައިން އަމަލު ކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. އަދި މަގުބޫލު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ހަވާލުވާނަމަ އިގުރާރުގެ ސިޓީގައި އެ ފަރާތުގެ އައިޑީ ކާޑުގެ ސީރިއަލް ނަންބަރު ޖަހާ ޕާސްޕޯޓާއި ހަވާލުވާން އަންނަ ފަރާތެއްގެ އައިޑީ ކާދުގެ ފޮޓޯ ދެއްކުމުން ވެރިފައި ވާނެއެވެ.
ދާދިފަހުން ވަނީ ރާއްޖޭގެ ހުރިހާ ސިޓީ ތަކަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމުތައް ވެސް އިމިގްރޭޝަނުން ހަމަޖައްސާފައެވެ. އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވާނެ ކަމަށް ބުނެއެވެ.
ހުސްވި ނޮވެމްބަރު މަހު އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގަ ފޯމު ފުރަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައެވެ. އަދި ހަމައެހެންމެ ދާދި ފަހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އީ-ގޭޓްގެ ހިދުމަތް ވެސް އަލުން ފަށާފައެވެ.