އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ ކުރަމުންދާ ހަލީމަތު ލަމްހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށް، އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

ލަމްހާގެ ބަލި ހާލަތައް ބެލުމަށްފަހު އޭނާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އަމުރުކޮށްފައިވާއިރު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ކްރިމިނަލް ކޯޓުން ލަމްހާ ޝަރުތުތަކަކާއެކު ތިން މަސް ދުވަހަށް ބަންދުން ދޫކޮށްލާފައި ވަނީ، މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ކޯޓުން އަންގާ ވަގުތުތަކުގައި ކޯޓަށް ހާޒިރުވުމަށް އޭނާ އަށް އަންގާފައެވެ. އަދި ރޭގަނޑު 10 އިން ހެނދުނު 6 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ހައި ކޯޓުގައި ބޭއްވި މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމުގައި ލަމްހާ ވަނީ ވަކިލަކު ހަމަޖެއްސުމަށް ތިން ދުވަސް ދިނުމަށް އެދިފައެވެ. އެހެންނަމަވެސް ހައި ކޯޓުން ލަމްހާ އަށް ވަކީލަކު ހަމަޖެއްސުމަށް ދީފައިވަނީ އެއް ދުވަހެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާއިރު އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މީގ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާވެސް ވަނީ ކޮށްފައެވެ.

މި މައްސަލައިގައި ލަމްހާގެ ލޯބިވެރިޔާ އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.