ގދ އަތޮޅުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ޕްލޭންތަކެއް އެބަހުރިކަމަށާ އެކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންނާ މަޝްވަރާކުރެވިގެންކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ގދ. އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އެ އަތޮޅުގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އެ ގޮތުން މި ބައްދަލުކުރެއްވުމުގައި ގދ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ސިއްހީ ހިމަތްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އަދި އަތޮޅުގެ އެކިރަށްރަށުގެ އުމްރާނީ ތަރައްގީއަށް ރޭވިފައިހުރި މަޝްރޫއުތައް ނުހުއްޓި ކުރިޔަށްގެންދިއުމާއި އަތޮޅުގައި ހުރި ފަޅުތަކާއި ފަޅުރަށްތަކުގެ ނަފާ އެންމެ ފުރިހަމަގޮތުން ލިބޭނެ ގޮތްތަކަށް ކަންކަން އިންތިޒާމުވުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން އަތޮޅަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެ އަތޮޅުކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެއަތޮޅުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ހްއްލުކޮށްދިނުންކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.