ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކުވޭތުގެ އަމީރު މިއަދު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

އަމީރު އަވާހަރަވުމުގެ ހިތާމައިގައި ރައީސް މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ. ކުވައިތު ދައުލަތަކީ ރާއްޖޭގެ ވަރަށް ގާތް ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރާއި އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަން ފާހަގަ ކުރައްވާ އެ މެސެޖުގައި އެމަނިކުފާނު ވަނީ ޝެއިހް ނަވާފްގެ އާއިލާގެ ބޭފުޅުންނަށް ކެތްތެރިކަމަށް އެދި ދުއާކުރައްވާފައެވެ.

އަދި ޝެއިހް ނަވާފް ރާއްޖެ އާއި ކުވެއިތްގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތް އަބަދުވެސް ހަނދާނުގައި ހުންނަވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ކުވެއިތްގެ އެމިރް ޝެއިހް ނަވާފް އަލް އަހްމަދު އަލް ޖަބެރް އަލް ސަބާހް އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރެވެ. އެމިރް އަވަހާރަ ވެފައިވަނީ އާލާސްކަންފުޅުއްވާ އުޅުއްވުމަށްފަހު ކަމަށް ބައެއް ބޭރުގެ މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ.

ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް ކުވައިތުގެ ތަހުތަށް އިސްކުރެވުނީ ސެޕްޓެމްބަރު 29، 2020 ގަ އެވެ. އެމިރް ވެރިކަމާ ހަވާލުވެ ވަޑައިގަތީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝެއިހް ސަބާހު އަލް އަހުމަދު އަލްޖަބްރު އަލް ސަބާހު އުމުރުން 91 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ކުވައިތުގެ ތަހުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އެއްބަފާ ކޮއްކޯފުޅު އަދި ނައިބު އަމީރުގެ މަގާމުގައި ހުންނެވި ޝެއިހް މެޝާލް އަލް އަހުމަދު އަލް ޖަބަރު، 83، ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.