ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ކަމަކަށް 3،489،165.12 ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު 15 ދުވަސްތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެގޮތުން ރައީސް ތުރުކީއާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވިތާ މިއަދަށް 11 ދުވަސް ވެފައިވާ ކަމަށެވެ.

ޝަހީބު ވަނީ އެ ދެ ދަތުރުގެ ތަފްސީލް ދެއްވާފައެވެ. އަދި އެ ދެ ދަތުރުފުޅަށް މުޅި ޖުމްލަ 3،489،165.12 ރުފިޔާ ހަރަދުވެފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

މާލެއިން ތުރުކީއަށް އަދި ދުބާއީ އިން މާލެއަށް ރައީސް އާއި ވަފުދު ވަޑައިގަތުމަށް ޖުމްލަ 2،454،555.60 ރުފިޔާ ހަރަދުވެފައިވާ ކަަމަށް ޝަހީބު ވިދާޅުވިއެވެ. އެގޮތުން ފަސްޓް ކްލާސް ހަތަރު ޓިކެޓަށް 683،229.36 ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ބިޒްނަސް ކްލާސް ގެ 12 ޓިކެޓަށް 1،539،239.82 ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިކޮނޮމީ ކްލާސް ގެ 12 ޓިކެޓަށް 232،086.42 ރުފިޔާ ހަރަދުވެފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ރައީސްގެ ތުރުކީ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި 22 ބޭފުޅުން ޕޮކެޓްމަނީގެ ގޮތުގައި 217،828 ރުފިޔާ ހަރަދުވި ކަމަށާއި އިންސިޑެންޓަލް އަށް 41،548.80 ރުފިޔާ ހަރަދުވި ކަމަށެވެ.

ޝަހީބު ވިދާޅުވީ ތުރުކީގައި ރައީސްގެ ވަފުދުގެ ބޭފުޅުންނަށް ހުރުމާއި ކެއުމުގެ ހަރަދާއި އެެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސަވައި ދެއްވީ ތުރުކީގެ ސަރުކާރުން ކަމަށާއި އިސްތަންބޫލް އިން އަންކާރާ އަދި އިސްތަންބޫލްގެ ފްލައިޓް ދަތުރު ހަމަޖައްސަވައި ދެއްވީ ތުރުކީގެ ސަރުކާރުން ކަމަށެވެ.

ރައީސް ކޮޕް 28 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި 19 ބޭފުޅުންގެ ޕޮކެޓް މަނީއަށް 182،546 ރުފިޔާ ހަރަދުވި އިރު 9 ބޭފުޅުންގެ ކެއުމުގެ ހަރަދަށް 145،944.76 ރުފިޔާ ވަނީ ހަރަދުވެފައެވެ. އަދި ދަތުރުފަތުރަށް 75،488.38 ރުފިޔާ ހަރަދުވިއިރު 9 ބޭފުޅުންގެ އެކޮމޮޑޭޝަނަށް 168،892.06 ރުފިޔާ ވަނީ ހަރަދުވެފައެވެ.

ޝަހީބު ވިދާޅުވީ ރައީސްގެ ދުބާއީ ދަތުރުފުޅުގެ ސިމްކާޑުގެ ހަރަދު 26،412.59 ރުފިޔާ ހޭދަވި އިރު ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް 155،182.21 ރުފިޔާ އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 20،766.72 ރުފިޔާ ހަރަދުވި ކަމަށެވެ.

ޝަހީބު އިތުރަށް ވިދާޅުވީ ދުބައީ ދަތުރުފުޅުގައި ހިމެނޭ 10 ބޭފުޅަކަށް އެކޮމޮޑޭޝަންއާއި ކެއުމުގެ ހަރަދު ހަމަޖެއްސަވައި ދެއްވީ ޔޫއޭއީ ސަރުކާރުން ކަމަށެވެ.