ހުޅުމާލޭގައި ހިންގާ 200 މިލިއަންގެ ވަގުފް މަޝްރޫއު ނިމުމުން ފަގީރުން ހައްޖަށް ފޮނުވުމުގެ މަގު ދާއިމީ ގޮތެއްގައި ފަހިވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިފާޅުވީ ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ވަގުފް ޕްރޮޖެކްޓް އަންނަ ޖެނުއަރީ މަހު ހުޅުމާލޭގައި ފަށާނެ ކަމަށެވެ. އަދި 200 މިލިއަން ރުފިޔާގެ އެ ވަގުފް ޕްރޮޖެކްޓް ނިމުމުން 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފައިދާ ލިބޭނެ ކަމަށެވެ.
އެއާއެކު ރާއްޖޭގެ ފަގީރުން ދާއިމީ ގޮތެއްގައި ހައްޖަށް ގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި ފަރުޟު ހައްޖެއް ކުރަން ބޭނުންވާ ކޮންމެ ފަގީރު ރައްޔިތަކަށް އެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ވަގުފް ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވަގުފް ފުޅާ ކުރުމަށް ބޭންކްތަކުން ދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްއާ މަޝްވަރާކުރައްވާފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ބޭނުންވެލައްވަނީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ވަގުފް ޕްރޮޕަޓީއެއް ގާއިމް ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އަތޮޅުތަކުގައި އިސްލާމީ ކަންތައްތަކާއި އިސްލާމީ އިޖްތިމާއީ އެހީތެރިކަން ގާއިމް ކުރުމަށްޓަކައި ފައިސާ ނެތް ކަމަށެވެ. އެހެންކަމުން ވަގުފް ޕްރޮޕަޓީތައް ގާއިމް ކުރުމަކީ އެ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ވަގުފް ޕްރޮޕަޓީއެއްގެ ގޮތުގައި ގާއިމްކޮށްފައިވާ ދާރުލް އީމާންއަށް އަހަރަކު 5 ނުވަތަ 6 މިލިއަން ރުފިޔާ ލިބޭކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ދުރު ރާސްތާއަށް މަސައްކަތްކޮށްފިނަމަ، އެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ.