ގްރޭޑް 10، 11، 12 ނިންމާފައިވާ ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުތުބާ ކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުތުބާ ކިޔުމުގެ ހުއްދަ މިނިސްޓްރީއިން ދޭނީ ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް ކަމަށެވެ.

ދަރިވަރުންނަށް އިމާމުވެ ހުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިމާމުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ޝަހީމް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދީނީ އިލްމުގެ ދާއިރާއިން މާސްޓާސް ހާސިލްކުރި އިމާމުންނަށް ސައުދީ، މެލޭޝިއާ، ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުން ޕީއެޗްޑީ ހެދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށާ އަދި ލައިވްކޮށް އިނގިރޭސިން ސަބްޓައިޓަލް އަރާ ގޮތައް ވެސް ހެއްދެވުމަށް ވެސް ޝަހީމް ވަނީ ނިންމަވާފައެވެ. އަދި އިޝާރާތުގެ ބަހުން ވެސް ހުތުބާ ލައިވްކޮށް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެެރިން އިޖްތިމާއީ މަކާރިމުލް އަހުލާގަށް ހޭލުންތެރިކަން އިތުރު ކުރުމަށް އެގައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ކަމަށް ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.