އެއްވެސް ބާވަތެއްގެ އަސާސީ މުދަލެއް ރާއްޖެއަށް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައި އިންޑިއާއިން ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވާކަން އެ ގައުމުން އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެއްވެސް ބާވަތެއްގެ އަސާސީ މުދަލެއް ރާއްޖެއަށް އެތެރެކުރުމުގައި ހުރަހެއް ނެތްކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރި ކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލެވެވަޑައިގަތުމަށް ފަހު ވެސް ބައްލަވަމުން ގެންދަވަނީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމް ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކާމިޔާބު ކުރައްވާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާ އެކު ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމު ކަމަށްވާ އިންޑިއާއިން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފައެވެ.