ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގާނީ ކޮރަޕްޓުނުވެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ތިމާއާ ހަމައިން ފެށޭ މަސައްކަތްތަކެއް ކަމަށާއި އެއީ އަމިއްލަ ނަފްސުގެ މައްޗަށް ހޯދަން ޖެހޭ ކާމިޔާބީއެއް ކަމަށެވެ. އަދި މި ހެޔޮ ބަދަލު އަމިއްލަ ނަފްސަށް ގެނެސްގެން އެތައް ބަޔަކު ކުރާ ތެދުވެރި އިހްލާސްތެރި މަސައްކަތަކުން މުޖުތަމައަށް ނުވަތަ ދުނިޔެއަށް ހެޔޮ ބަދަލު ގެނެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2007 ވަނަ އަހަރަކީ އދ ގެ ކޮރަޕްޝަނާ ބެހޭ ގަރާރުގައި ރާއްޖެއިން ސޮއި ކުރި އަހަރުކަން ފާހަގަ ކުރައްވާ ރައީސް ވަނީ އޭގެ ފަހުން ރަސްމީ ސިފައެއްގައި ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި ކޮރަޕްޓްނުވެ މި ސަރުކާރު ހިންގާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުގައި ހިމެނޭ ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެކަމަށާއި އެކަމުގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކޮރަޕްޝަނާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް ނަޒާހަތްތެރި މުޖުތަމައެއް ބިނާ ކުރުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި އިލްމީ ފެންވަރެއްގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އާ ގާނޫނު އަސާސީއިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މުއައްސަސާއެއް (އެހެންކަމުން އޭންޓި ކޮރަޕްޝަން ކޮމިޝަން) އުފެއްދީ 2007 ވަނަ އަހަރުކަން ފާހަގަކޮށް ރައީސް ވަނީ އެ މުއައްސަސާއިން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމާއި ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށްވާނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ ކުށަކީ ހުދު ގިރުވާންލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭ އިރު ގައުމުގެ އިޖްތިމާއީ ސިޔާސީ ހަރުގަނޑުން ތިމާއަށް މައްޗަށް އެރޭ ވަރަކަށް އަމާނާތްތެރިކަމާއި ތެދެވެރިކަމުގެ މަގަށް ބަލަން ފަރުވާންތެރިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް މިއަހަރު އޮތް ޝިއާރު "ޔުނައިޓިން ދަ ވޯލްޑް އަގެންސްޓް ކޮރަޕްޝަން"ނުން އެގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގަ މުޅި ދުނިޔެ އެކައްޗަކަށްވާން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހަގީގަތުގައި ކޮރަޕްޝަންއަކީ ދިވެހިންނާ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއް ކަމަށެވެ.
އެގޮތުން ބަލާ އިރު ތާރީހުން ވެސް އެކަން އެގޭ ކަމަށާއި ދިވެހިރާއްޖެ ކުރިއަރައި ދާނީ ނަމޫނާ ސިފަތަކުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިވެތި ސިފަތަކުގެ ސަބަބުން ބޭރުގެ މީހުންގެ އިތުބާރު ދިވެހިންނާމެދު އުފެދި ރާއްޖޭގެ ފަތުރުވެރުކަމަށް އަދި އެ ނޫން ވެސް ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމެންޓްތައް ލިބިގެންދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ކަމަކަށް އެދޭ މީހާ ކަންކުރަންވީ ގޮތަކީ އުސޫލުން ބޭރުން ކަމަކަށް ނޭދުން ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް ހުޅުވާލެވޭ ވަރަށް ފުޅާ ދޮރެއް ބަންދުވެގެންދާނެ ކަމަށެވެ.