ކ. އަތޮޅު ތިލަފުށީ ކުޑަގިރި ފަރަށް ބޯޓެއް އެރުމާގުޅިގެން، ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހޭ 3 މިލިއަން ރުފިޔާ އަދިވެސް ދައްކާފައި ނުވާތީ އެ ބޯޓު ރާއްޖެއިން ފުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުންކޮށްފިއެވެ.

ކ. އަތޮޅު ތިލަފުށީ ކުޑަގިރި ފަރަށް އަރާފައިވަނީ އެމްސީވީ 'މާރިއާ ސިންތަޔަތިރައި ރިޔަނަ' ނަމަކަށް ކިޔާ ބޯޓެކެވެ. މިދިޔަ ޖެނުއަރީ މަހު ބާދަގަނޑުތަކެއް ބަރުކޮށްގެން ދަތުރުކުރި މި ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމަށްފަހު، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މި ބޯޓު ރާއްޖެ ގެނައި ޝިޕިން އެެޖެންޓު، 'ބިގްވޭވް' ޖޫރިމަނާކޮށްފައިވަނީ ފެބްރުއަރީ 28، 2023 ގައެވެ. އަދި އެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާއިރު މި މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާތީ އީޕީއޭ އިން ވަނީ އެ ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފައެވެ.

އީޕީއޭ އިން މި ބޯޓު ރާއްޖެއިން ފުރުން މަނާކުރުމާ ގުޅިގެން 'ބިގްވޭވް' އިން ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ސިވިލް ކޯޓެއް މައްސަލައެއް ހުށަހަޅާފައއެވެ. އެ މައްސަލައިގައި ބުނެފައިވަނީ އެއީ ލަކުޑި ބޯޓަކަށް ވެފައި، ދުވަހެއް ދުވަހަކަށް ބޯޓު ހަލާކުވަމުންދާތީ ބޯޓުން ދިޔަ ހިއްކައި ފެންމަތީގައި ބޭއްވުމަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމަށެވެ. ދި އެ ކުންފުނީގެ އެޖެންޓު ކަމުގެ ދަށުން ރާއްޖޭގައި ނުފުރި ބޯޓު އޮންނަ ކޮންމެ ދުވަހަކު މާލީ އެތައް ގެއްލުމެއް ކުރިމަތިވަމުންދާ ކަމަށް މި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ކަންކަމަށް ރިއާޔަތްކޮށް ބޯޓު ފުރުން މަނާކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅާ ބޯޓު ފުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ. އަދި ރައްޖޭގައި ބޯޓު ހިފަހައްޓާފައި އޮންނަ އޮތުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޒިންމާ އީޕީއޭއިން ނަގަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށްވެސް ވަނީ އެދިފައެވެ.

މި މައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުން ބުނީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 3.9 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އޮންނަތާ އަހަރެއްވާން ގާތްވެފައި ވާއިރު، މިހާތަނަށް އެ ފައިސާ ދައްކާފައި ނުވާކަން އެނގެން އޮތް ކަމަށެވެ. އަދި ބޯޓު ފުރުން ހުއްޓުވާފައިވަނީ، އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައ ިދެއްކުމަށް އަންގާފައިވާ އެންގުމާ ހިލާފުވެ، އެ ފައިސާ މިހާތަނަށް ދައްކާފައި ނުވާތީކަން ވެސް އެގެން އޮތްކަމަށެވެ. އެހެންކަމުން، އެއީ އީޕީއޭގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަން ފާހަގަކޮށް ސިވިލް ކޯޓުން ވަނީ ރާއްޖެއަށް އަންނަ ބޯޓުފަހަރު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ، އެ ފައިސާ ނުދައްކަނީސް ރާއްޖެ ދޫކޮށް ދިއުމުގެ ހުއްދަ އަކީ ދެވޭނެ ހުއްދައެއް ނޫންކަމަށް ކަނޑައަޅާފައެވެ.