ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް, ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އެކަން މިހާތަނަށް އެއްވެސް އިދާރާއަކުން ޔަގީން ކޮށްދީފައި ނުވި ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިއަދު އެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އެފްއޭއެމްއިން ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުންދާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދަނީ ބަލަމުންނެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ޕްރޮސްކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމުގެ މަތިން ކޯޓު އަމުރަކާއެކު ފުލުހުން އެފްއޭއެމް ހައުސް ބަލާ ފާސްކޮށްފައިވާއިރު ތަހުގީގަށް ބޭނުންވާ ތަކެތިވެސް ވަނީ ހޯދާފައެވެ.

އެ މައްސަލާގައި ތުހުމަތުކުރަނީ އެތަނުގެ އިސްވެރިންނަށް ކަމަށާއި މައިގަނޑު ތުހުމަތުކުރެވެނީ ބައްސާމްގެ މައްޗަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

އެ ތުހުމަތަކީ އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަމުންދާތީ ކުރެވޭ ތުހުމަތުތައް ކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެކި ގޮތްގޮތަށް އެ ފައިސާ ދައުރުވެފައިވާ ތަން ފެންނަ ކަމަށެވެ. މާލީ އިދާރާތަކުން ލިބިފައި ހުރި މައުލޫމާތުތަކުން ދައުވާކުރެވޭ ވަރުގެ މައުލޫމާތު ހުރި ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެފްއޭއެމް އިން އަންނަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.