ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާ އޮތީ އެއްބަސްވެފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮޕް ސަމިޓަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ އިންޑިއާއާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލެއް ދެއްވާފައެވެ. އެ ގޮތުން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި ވެސް ވަރަށް ގަދައަށް ދެއްކެވި ވާހަކަފުޅެއް ކަމަށާއި އެއަށް ފަހު ޓްރާންސިޝަން މަރުހަލާގައި އިންޑިއާގެ ބޭފުޅުންނާއެކު ހަތަރު ބައްދަލުވުމެއް ބާއްވާފައިވާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ރައީސް ކަމުގެ ހުވާ ކުރުމަށްފަހު ޖެހިގެން އައި ދުވަހު އިންޑިއާއާއެކު ބޭއްވި ބައްދަލުވުމަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، އެދުވަހު ރަސްމީކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ކުރެވުނު މަސައްކަތުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންވީމާ ވަރަށް އަވަސް މުސްތަގުބަލެއްގައި އިންޑިއާ ސިފައިން ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މިހާރު ދެ ގައުމުގައި ވެސް ޓެކްނިކަލް ލެވަލްގައި މަސައްކަތްތައް ފެށިގެން ކުރިއަށް ދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ވަނީ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލަން ދެ ގައުމުން އެއްބަސްވެފައި ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ކޮމިޓީއަކީ ހިންގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި، އެކިއެކި ލޯންތަކުގައި ދިމާވާ ކަންކަން ފަދަ ކަންކަމުގައި ވަގުތުން ވަގުތަށް ކަންކަން ނިންމޭ ފަދަ ހައި ލެވަލް ކޮމިޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ބޭރުގެ ސިފައިން ބޭލޭނެ ކަމަށާއި އަދި ވަރަށް އަވަހަށް އެކަން ހާސިލް ކުރުމަކީ އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޑިޕްލޮމެޓިކް އުސޫލުހެ ތެރެއިން އެކަން ވަރަށް އަވަަހަށް ހާސިލް ވެގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އިންޑިއާ އިން ހިންގަމުންދާ މަޝްރޫއުތައް ވެސް ހައި ލެވެލްގެ ކޮމިޓީގެ ނިންމުންތަކުން އަވަސް ކުރެވިގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.