ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އަރަބިއްޔާ ސްކޫލްގެ ޓީޗަރު، ޒަމްޒަމް ފާރިޝްގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި މިހާރު ދަރިވަރުންގެ ބަޔާން ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު އަންހެން ދަރިވަރުންގެ އިތުރުން ފިރިހެން ދަރިވަރުންނަށްވެސް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުތަކެއް ޒަމްޒަމް ފާރިޝްގެ މައްޗަށް ކުރެވެއެވެ.

މިހާރު އަރަބިއްޔާއިން ޒަމްޒަމް ފާރިޝް ކެނޑެން ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށާއި ފާޑުކިޔާފައިވެފައިވާ ކަމަށް ނިންމާ މީގެ ކުރިން ޒަމްޒަމް ފާރިޝް ސަސްފެންޑްވެސް ކުރިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ގައި އެންމެ ފުރަތަމަ ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް މަސް ދުވަހަށެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވުނީ "އޮޅުމަކުން" ކަމަށް ފަހުން ބުނެފައިވެއެވެ.