ސައުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިފްކޯ އަކީ އެސްޓިއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފައި ވާއިރު، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް، މިފްކޯ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިފައި ވާކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އެސްޓީއޯ އާއި މިފްކޯ އަދި މިނިސްޓްރީ ހިމެނޭހެން ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވި މަސައްކަތް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ. މިފްކޯ ވެގެންދާނީ މުޅި އަހަރު ދުވަހުވެސް މަސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުންޏަކަށް ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބޭނީ މިފްކޯ އާއި މަސްވެރިން ގާތުން މަސައްކަތް ކޮށްގެން ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ގެ '14 ހަފްތާގެ' އެކްޝަން ޕްލޭނުގައިވެސް، މިފްކޯ އާއި މަސްވެރިންނާއެކު މީގެ ކުރިން މަސައްކަތް ނުކުރާހާ ގާތުން މަސައްކަތް ކުރުމަށް ހިމަނާފައިވާ ކަމަށެވެ. މި ގޮތުން މަސްވެރިންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތައް، ފިޝަރީޒް މިނިސްޓްރީން ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޕޮލިސީތައް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް އުނދަގުލެއް ހުރި ނަމަ އެ އުނދަގުލަކަށް ހައްލު ލިބޭނެ ކަހަލަ ގޮތަކަށް މަސްވެރިންގެ ބައިވެރިވުން ހިމެނޭނެ ގޮތަކަށް މަސައްކަތް ރޭވިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.