ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި ކޮމީޑިއަން ވިރް ދާސް އަށް އިންޓަނޭޝަނަލް އެމީ އެވޯޑު ލިބިއްޖެއެވެ.
އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި މި ހަފްލާގައި އެކްތާ އަށް ލިބުނީ އެމީ ޑިރެކްޓޮރޭޓް އެވޯޑެވެ. އެއީ އެކްތާ ޓީވީ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ވިރް ދާސް އަށް އެވޯޑު ލިބުނީ އޭނާ ވާދަކުރި އެންމެ މޮޅު ކޮމެޑީ ކެޓަގަރީން ސްޓޭންޑް އަޕް ކޮމެޑީ ޝޯ "ވިރް ދާސް: ލޭންޑިން" އަށެވެ. އެމީ އެވޯޑަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުފައްދާ ސީރީޒްތަކާއި ޓީވީ ޝޯތަކަށް ހާއްސަކޮށްގެން ދެމުން އަންނަ އެވޯޑެކެވެ. ބޮލީވުޑްގައި ވެސް ނަން މަޝްހޫރު އެކްތާ ވަނީ ގިނަ އަދަދެއްގެ ޓީވީ ސީރިއަލްތަކެއް ޕްރޮޑިއުސްކޮށްފައެވެ. އޭގެތެރޭގައި ކުމް ކުމް ބަގްޔާ، ނާގިން، ޕަވިތުރަ ރިޝްތާ އަދި ޔޭ ހޭ މޮހޮއްބަތައިން ހިމެނެއެވެ. އެކްތާ އަކީ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޕްރޮޑިއުސަރެއް ވެސް މެއެވެ.
އެވޯޑު ލިބުމުން ވިރް ދާސް ބުނީ މިއީ އޭނާގެ ހަޔާތުގައި ލިބުނު ފުރަތަމަ އެމީ އެވޯޑު ކަމަށާއި މިއީ އިންޑިއާ ސިނަމާއަށްޓަކައި ކޮށްދިން ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެކްތާ ބުނީ އެމީ އެވޯޑާއެކު އެނބުރި އަމިއްލަ ފަސްގަނޑަށް ދާން ތައްޔާރަށް ހުރި ކަމަށާއި އެވޯޑާއެކު އަދިވެސް ހަގީގަތް ގަބޫލުކުރަން ދަތި ކަމަށެވެ.
މި ފަހަރުގެ އެމީ އެވޯޑަށްވެސް އިންޑިއާގެ ގިނަ އުފެއްދުންތަކެއް ހުށައެޅި ނަމަވެސް އެ އެވޯޑު ކާމިޔާބުވެފައިވަނީ އެކްތާ އާއި ވިރު ދާސް އަށް އެކަންޏެވެ. އެމީ އެވޯޑަށް ހުށައެޅި އިންޑިއާ އުފެއްދުންތަކަކީ "ދިއްލީ ކްރައިމް"ގެ ދެވަނަ ސީޒަން އިން އެންމެ މޮޅު އެކްޓްރެސް ގެ މަގާމަށް ޝެފާލީ ޝާހް އަދި "ރޮކެޓް ބޯއިސް"ގެ ދެވަނަ ސީޒަން އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ޖިމް ސާބް އެވެ. މިއީ ދިއްލީ ކުރައިމު މި އެވޯޑަށް ކުރިމަތިލި ދެވަނަ ފަހަރެވެ. 2020 ވަނަ އަހަރު ދިއްލީ ކްރައިމްގެ ފުރަތަމަ ސީޒަނަށް ވަނީ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑު ލިބިފައެވެ.