މީގެ 9 އަހަރު ކުރިން، 2014 ވަނަ އަހަރު މަކަރާއި ހީލަތުން ފިހާރައަކުން 200,000 ރުފިޔާގެ އަގުހުރި މުދާ އަތުލި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މަކަރާއި ހީލަތް ހެދިކަމުގެ ކުށުގައި ދައުވާ އުފުލާފައިވަނީ މުހައްމަދު އާނިމް (މ.ޅަކުރި) އާއި މުހައްމަދު ނާޒިމް ނަސީމް (ޏ.ފުވައްމުލައް ހޯދަޑު އިނަފް) ގެ މައްޗަށެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ހެޕީމާކެޓް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ”މައި ޝޮޕް” ފިހާރައިން ޖަނަވަރީ 26، 2014 ވަނަ ދުވަހު ”އޯލްޑަންބާގަ” ބްރޭންޑްގެ ދެ ބާވަތެއްގެ 170 ކިރުދަޅު ކޭސް އަދި ޖަނަވަރީ 27، 2014 ވަނަ ދުވަހު 100 ”ކެފޭމިއޯ” ކޭސް ގަތުމަށްފަހު, މި ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން ނާޒިމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކުން 20,140 ރުފިޔާ ނެގޭ ގޮތަށް ޗެކެއް ޖަމާކޮށްފައިވާ ކަމަށެވެ.

އައިއެންއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމުގައި ސްޓޭޓް ބެންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކުން 11،572.72 ޔޫއެސްޑީ ޖަމާވެފައިވާއިރު މި ޗެކުގައި ނާޒިމުގެ ނަމުގައި ހުޅުވާފައިވާ މާނު އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ތައްގަނޑުވަނީ ޖަހާފައެވެ. އަދި މި ޗެކްތައް ”މައި ޝޮޕް” ފިހާރައަށް ހުށަހަޅައި, އެ ފިހާރައިން 211,091 ރުފިޔާގެ އަގުހުރި މުދާ މަކަރާއި ހީލަތުން އަތުލާފައި ވާކަމަށް މި ދައުވާގައި ވަނީ ބުނެފައެވެ.

މި މައްސަލައިގެ 2018 ވަނަ އަހަރު ދައުލަތުން މި ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވާއިރު އާނމް އާއި ނާޒިމްވެސް ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ. މި ގޮތުން ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވަނީ އެ ޗެކްތަކުގައި އޭނަ ސޮއިކޮށްފައިނުވާ ކަމަށާއި އެފަދަ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ބުނެފައެވެ.

އެ ޗެކުގައި ލިޔެފައިވަނީ އާނިމްގެ ނަންކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު އެއީ އޭނަގެ އަތުލިޔުން ކަމުން އެ ދައުވާ އޭނަގެ މައްޗަށް ސާބިތުކުރެވެއެވެ. ނަމަވެސް ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ނެތުމާއި ގުޅިގެން ނާޒިމްގެ ކުށެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި އާނިމްގެ މައްޗަށް ދައުވާ ސާބިތުވާ ވަރަށް ހެކި ހުރުމާއެކު އޭނާގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެހެންނަމަވެސް އޭނާގެ އަދަބު ކުޑަކޮށް 4 މަހާއި 24 ދުވަހުގެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.