ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ އިސްވެރިޔަކަށް ހުންނެވި އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުން ދުރުކޮށް އެ މަގާމަށް ވަގުތީ ގޮތުން ޗީފް ސުޕްރިޓެންޑެންޓު އަހުމަދު ނާފިޒު ހަމަަޖައްސައިފިއެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް ވެރިންގެ މާގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުން ރިޔާޒް ދުރުކޮށްފައިވާ އިރު، އިންޓެލިޖެންސްގެ ވެރިއަކަށް ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ވެސް ވަނީ އެމަގާމުން ދުރުކޮށްފައެވެ. ފަރީދުގެ ބަދަލުގައި ވަގުތީ ގޮތުން ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އިސްމާއީލް ޝަމީމް ވަނީ އެ މަގާމަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން ސެކިއުރިޓީ އިންޓެލިޖެންސްގެ ވެރިޔަކަށް ވެސް އިންސްޕެކްޓަރު އަތީގުއް ރަހުމާން ހަމަޖައްސާފައިވާ ކަން ވެސް ވަނީ އެނގިފައެވެ.

ރިޔާޒް އާއި ފަރީދު އަދާކުރައްވަމުން ގެންދެވި މަގާމުން ދުރުކޮށްފައި ވީ ނަމަވެސް އެ ބޭފުޅުންނަށް އިތުރު މަގާމެއް ދީފައިވާ ކަން އަދި ސާފެއް ނުވެއެވެ.

ރިޔާޒް މީގެ ކުރިން، ސެޕްޓެމްބަރު, 2017 ގައި ސުލޫކީ މައްސަލައެއްގައި ވަޒީފާއިން ވަކިވެސް ކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓަށް އޭނާ ހުށަހެޅުއްވުމުން ސިވިލް ކޯޓުން ވަނީ ޑިސެމްބަރު, 2018 ގައި އޭނާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އެއާއެކު ފުލުހުންގެ ވަޒީފާ އަނބުރާ އިއާދަ ކުރުމާއެކު އެސިސްޓަންޓު ކޮމިޝަނަރަކަށް ލިބިވަޑައިގަތީ މާޗު 6, 2019 ގައެވެ.