ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ގަޑިބުރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަން ކަމަށްވާ ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫއު ވައުދުވެވަޑައިގެންނެވި ގޮތަށް ހަފްތާ 14ގައި ފެށިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަސައްކަތް ނިމޭނީ ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެސަރަހައްދުގައި ގާތްގަނޑަކަށް 1،200 އަކަ ހެކްޓަރު ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ވަރު ބޮޑު ފަޅެއް ހިއްކަނީ ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަަލަ ހައްލުކޮށްދިނުމަށްޓަކައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ މައްސަލަތައް ނަގާފައި މި ސަރުކާރުން ކުރިއަށް ގެންދާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަކުރާރުކޮށް ކެމްޕެއިން ތެރޭގައި ވެސް ދަންނަވާފައި ވާނީ ގެދޮރުވެރިކަން ކަން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ގިނަ ރައްޔިތުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމުން އެންމެ ބޮޑު މަޝްރޫއު ކަނޑައެޅުފައި އޮތީ މި ސަރަހައްދަށް ކަމަށެެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އިތުރުން މިހާރު ހިނގަމުންދާ ގުޅީފަޅާ، ގިރާވަރުފަޅުގެ މަޝްރޫއު އިތުރަށް ފުޅާކޮށް އޭގެ ތަނަވަސްކަން އިތުރުކުރައްވާނެ ކަމަށެވެ. އަދި ގިރާވަޅު ފަޅާ ހަމައަށް ބްރިޖްގެ މަސައްކަތް އެ ދާ ސްޕީޑް ރަނގަޅުކޮށް، އެ މަޝްރޫއު ވެސް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިންތިގާލީ މަރުހަލާގައި ލިބުނު މައުލޫމާތުގެ އަލީގައި މިހާރު ވަޒީރު ކަމަށް ވަޑައިގެންތިއްބެވި އަދި ކަމާ ބެހޭ ހުރިހާ ބޭފުޅުން މަސައްކަތްތައް ފަށައިގަންނާނެ ކަމަށާއި ނަތީޖާއަކަށްވާނީ ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ގޮދެރުވެރިކަން ހައްލު ނުވާ އެއްވެސް ރައްޔިތަކު ނުހުންނަ މިންވަރަށް އެކަން ހައްލުވެގެން ދިއުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެންމެ ދެކުނު އަދި އުތުރު ހިމެނޭހެން 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އާބަން ސެންޓަރުތައް ގާއިމް ކުރުމާއެކީގައި ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެއްވެސް ރަށެއް ބާކީއެއް ނުކުރައްވާނެ ކަމަށާއި ކޮންމެ ރަށަކަށް ވެސް ސަރުކާރުގެ ފުރިހަމަ އަޅާލުން ލިބޭނެ ކަމަށެވެ.
އެ މަޝްރޫއުތާއެކު ސަރަހައްދުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ ނަތީޖާއަކަށްވާނީ ދެމެހެއްޓެނިވި ގޮތެއްގަ ރާއްޖެ ތަރައްގީ ވެގެން ދިއުން ކަމަށެވެ.