ޒަމާނީ ފެންވަރަށް ތަރައްގީކޮށް ގަޑިބުރު މިރޭ އިފްތިތާހުކޮށްފިއެވެ.
މާފަންނު ގަޑިބުރު އަލުން ތަރައްގީކޮށް އިފްތިތާހުކޮށް ދެއްވައިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަޝްރޫއަކީ މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ފެއްޓެވި މަޝްރޫއެކެވެ. އެ މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ) އާ ހަވާލުކޮށްގެންނެވެ.
އެ މަޝްރޫއަކީ ކުންފުންޏެއްގެ ސީއެސްއާރްގެ ތެރެއިން އާރްސީސީއާ ކޮންޓްރެކްޓްކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއަކަށްވާއިރު އެކަމަށް ސިޓީ ކައުންސިލުން އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ.
ގަޑިބުރަކީ މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ ތަނެކެވެ.
އެންމެ ފުރަތަމަ މާލޭގައި ގަޑިބުރު ބިނާކޮށްފައި ވަނީ 1990 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ލަންކާގެ އެހީތެރިކަމާއެކުގައެވެ. އޭރު ބިނާކުރި ގަޑިބުރާ ދާދި އެއްގޮތަށް ފަރުމާކޮށް ބިނާކޮށްފައިވާ ގަޑިބުރު ވަރަށްވެސް ޗާލެވެ.
ގަޑިބުރު އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭން ފާސްކުރިއިރު ކުރަން ނިންމި ކަމެއް، ފުރިހަމަވެގެން ދިއުމުން ވަރަށް ބޮޑަށް އުފާ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގަޑިބުރުން ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި ކައުންސިލުން ބޭނުންވާ މުހިންމު މެސެޖުތައް ވެސް ގަނޑިބުރުގެ ސްކްރީނަށް އެރުވޭ ގޮތަށް ބިނާކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ސްކްރީނުން އިސްތިހާރުތައްވެސް ދެއްކޭނެ ކަމަށާއި ވިޔަފާރިތަކަށްވެސް ނަފާލިބޭނެ ގޮތަށް ބިނާކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކަށް ފައިދާވުމާއެކު ދިވެހިންގެ މާޒީއާއި ދިވެހި ތާރީހާއި ސަގާފަތު އިއާދަކުރަން ބަލާއިރު ކުރީގަ ކުރެވިފައި ހުރި މިފަދަ ކަންކަން އަނބުރާ ގެނައުމަކީ ދުނިޔޭގެ ތަހުޒީބު އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ކަމަށެވެ. އަދި މާލޭގައި މިގޮތަށް ހުރި އެހެން ތަންތަން ވެސް ދިރުވާއާލާކޮށް، ހިތް ފަސޭހަކަން ގެނައުމަކީ ސަރުކާރުގެ ވިސްނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް މިކަން ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި ކެމްޕެއިންގައި ރަށްރަށަށް ވަޑައިގެންނެވިއިރު ކުޑަކުދިން އެންމެ ގިނައިން އެދިފައި ވަނީ ކުޑަކުދިންގެ ޕާކުތައް ހަދައިދިނުމަށް ކަމަށެވެ. އެހެންކަމުން ވައުދުވިން ކޮންމެ ރަށެއްގައި ވެސް ހިތްގައިމު ކުޑަކުދިންގެ ޕާކެއް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.