މިސްކިތްތަކުގެ އިމާމުންގެ ތެރެއިން ދީނީ އިލްމުގެ ދާއިރާ އިން މާސްޓާސް ހާސިލްކުރި އިމާމުންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރުކަމާ އަލުން ހަވާލުވެވަޑައިގަތުމަށް ފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ:

  • ދީނީ އިލްމުގެ ދާއިރާއިން މާސްޓާސް ހާސިލްކުރި އިމާމުންނަށް ބޭރުގެ ޔުނިވާސިޓީތަކުން ޕީއެޗްޑީ ހެދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް
  • ސައުދީ އާއި މެލޭޝިއާ އާއި ބުރުނާއީ އާއި އިންޑޮނޭޝިއާ އިން ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް

އިއްޔެ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝަހީމް ނިންމެވި ފުރަތަމަ ނިންމެވުމަކީ ތިނަދޫ ސިޓީގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު، އިސްލާމީ ޔުނިވާސިޓީ އާ ހަވާލުކުރެއްވުމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ތިނަދޫގެ އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވާސިޓީ އާ ހަވާލުކުރެވުމުން، ތިނަދޫގައި އިސްލާމީ އިލްމު އުނގެނެން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިވެ، މާލެ ނައިސް އެ ސަރަހައްދުން ކިޔެވޭނެ މަގު ފަހިވެގެން ދާނެއެވެ.