އަރްޖީތު ސިންހް ގެ ލަވަަތަކަކީ ގިނަ ދިވެހިންނަށް ވެސް ކަމުދާ ރީތި ލަވަތަކެކެވެ. ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތުގެ އަޑުން ލަވައެއް އިވިއްޖެ ނަމަ އެ ލަވަ ވެގެންދާނީ އެއިރަކު އެންމެ ހިނގާ ލަވައަށެވެ. އޭނާގެ ހިތްގައިމު އަޑުން، އަޑުއެހުންތެރިން ޖާދޫގައި ޖައްސާލާ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

އެންމެ ތުއްތު އިރުންފެށިގެންވެސް މިއުޒިކަށް ލޯބިކުރާ އަރްޖިތު ވަނީ އޭނާގެ އުމުރުން ވަރަށް ހަގު އިރުގައި މިއުޒިކް ޓްރެއިނިން ހަދަން ފަށާފައެވެ. 2005 ވަނަ އަހަރު ރިއަލިޓީ ޝޯއަކުން މިދާއިރާ އަށް ނުކުތް އަރްޖިތު ސިންހް ހިންދީ ފިލްމުތަކުގެ ލަވަތައް ކިޔަން ފެށީ 2013 ވަނަ އަހަރު "ޕިރް މޮހޮއްބަތު" އިންނެވެ. މުހައްމަދު އިރުފާން އަދި ސާއިމް ބަޓް އާއެކު އަރްޖިތު މި ލަވަ އެންމެ ފުރަތަމަ ކިޔާ ނެރުނު އިރުވެސް މި ލަވައަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ހިންދީ ސިނަމާގެ ލޯބީގެ އަސަރުގަދަ ލަވަތައް ކިޔާނެ ރީތި އަޑެއްގެ ވެރިއަކު ލިބުނެވެ. ލަވަ ޝޯއެއްގެ ތެރެއިން އަރްޖިތުގެ އަޑު ފާހަގަވެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް އޭނާގެ އަޑު ވަރަށް ކަމުދިޔައެވެ. އޭނާގެ ފިލްމުތަކަށް ލަވަކިޔަން އަރްޖިތު އަށް ލިބިގެންދިޔައިރު އެ ފުރުސަތުގެ ބޭނުން އަރްޖިތު ވަނީ ބޭނުން ކޮށްފައެވެ.

ލަވަކިޔުންތެރިޔާގެ ކެރިއަރުގެ ބްރޭކްތްރޫ ޕޮއިންޓަކަށް ވެގެން ދިޔައީ ކާމިޔާބު ފިލްމު "އާޝިގީ 2" ގައި އޭނާ ކިޔާފައި އޮތް "ތުމް ހީހޯ" ލަވައިންނެވެ. އެ އަޑު އެންމެންގެ ޖާދޫގައި ޖެހިގެން ދިޔައިރު އެންމެންވެސް ބުނަމުން ދިޔައީ ލޯބީގެ އަސަރުގަދަ ލަވަތައް ކިޔަން އަރްޖިތު ވަރެއް ނެތްކަމަށެވެ. މި ލަވައިން އޭނާ އަށް އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު، އެކި އެވޯޑް ހަފްލާތަކުގައި ވަނީ ލިބިފައެވެ. ބޮލީވުޑްގެ އިތުރުން ތެލެގޫ ފިލްމު އިންޑަސްޓްރީގެ ލަވަތައް ވެސް ކިޔަމުން އައި އަރްޖިތު އައީ އެ އިންޑަސްޓްރީގައި ވެސް މަޝްހޫރުވަމުންނެވެ.

މުޅި ދުނިޔެއިން ތިން ވަނަ އަށް އެންމެ ގިނަ މީހުން އަޑުއަހަމުން އަންނަ މި އަޑަކީ ސްޕޮޓިފައިގައި އޭޝިއާގެ ގައުމުތަކުން އެންމެ ގިނަ މީހުން ފޮލޯކުރާ އަޑުގެ ވެރިޔާއެވެ. ޖުމްލަ 10 އެވޯޑެއް މިހާތަނަށް މިއުޒިކް ކެރިއަރުގައި އަރްޖިތު އަށް ލިބުނުއިރު އޭނާގެ ކެރިއަރުގައި ވަނީ 600 ލަވައަށް ވުރެ ގިނަ ލަވަ އަޑުއެހުންތެރިންނަށް އިއްވާދީފައެވެ. އޭނާގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ކަލަންކް، އަޕްނާ ބަނާ ލޭ، ހަމްދަރްދު، ބޭހަޔާލީ އަދި އަގަރް ތުމް ސާތު ހޯ ހިމެނެއެވެ.

އަރްޖިތުގެ ލަވަތަކުގެ ތެރެއިން ކިޔުންތެރިންނަށް އެންމެ ކަމުދާ ފަސް ލަވައަކީ ކޮބައިހެއްޔެވެ؟