ރައީސް އޮފީހުގެ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު (އަބުޅޯ) ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ރަމީޒާއި އަބުޅޯ އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގައެވެ.
އެހެންކަމުން، މެދުހެންވޭރު ދާއިރާގެ ކައުންސިލަރުގެ މަގާމާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމު ވަނީ ހުސްވެފައެވެ. ހަމަ އެހެންމެ މުއިއްޒު މާދަމާ ރައީސްކަމުގެ ހުވާކުރެއްވުމުން މޭޔަރުގެ މަގާމު ރަސްމީކޮށް ހުސްވާނެއެވެ. ރައީސް ކަމަށް މުއިއްޒު އިންތިހާބު ވެވަޑައިގަތުމުން މާލޭގެ ވަގުތީ މޭޔަރަކީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ.
މުއިއްޒުގެ ކެބިނެޓުގައި ތިއްބަވާ 22 ވަޒީރުންގެ ތެރޭގައި ކައުންސިލަރުންގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މަޖިލީހުގެ ބައެއް ގޮނޑިތައް ވެސް މާދަމާ އިން ފެށިގެން ހުސްވާނެއެވެ. އެކަމަކު 19 ވަނަ މަޖިލީހުގެ ފަހު ދައުރަކީ އަންނަ އަހަރުގެ ފުރަތަމަ ދައުރު ކަމުން، ހުސްވާ ގޮނޑިތަކަށް އާ މެންބަރުން އިންތިހާބު ކުރުމަށް ބައި-އިލެކްޝަނަށް ހުޅުވާ ނުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މަޖިލީހުގެ ހުސްވާ ގޮނޑިތަކުގެ ތެރޭގައި އިންތިހާބީ ނައިބު ރައީސް ހުސައިން އަހްމަދު ލަތީފް ތަމްސީލު ކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ތަމްސީލު ކުރައްވާ މަޑުއްވަރީ ދާއިރާގެ ގޮނޑި ހިމެނެއެވެ.