ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓު (އެމްއާރްސީ) ގެ ފަރާތުން ހުޅުވި ފަންޑަށް މިދިޔަ ބުރާސްތި ދުވަހު ނިޔަލަށް 3,688,401.04 ރުފިޔާ ލިބިއްޖެއެވެ.

ފަލަސްތީނުގެ އައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިމާވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަދިނުމަށް ފަލަސްތީނު ރެޑް ކްރެސެންޓް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއާރްސީގެ ފަރާތުން އިމަޖެންސީ ފަންޑެއް ހުޅުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރުމަށް އެ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފުރަތަމަ ހުޅުވާލި ނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާގޮތުންނާ އެކި ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް ބުނެ އެމްއާރްސީއެމްއިން ވަނީ މިއަދުގެ ނިޔަލަށް އެ މުއްދަތު އިތުރުކުރިއެވެ.

އެމްއާރްސީއެމްއިން ބުނީ އައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ދިމާވަމުންދާ އިންސާނީ ކާރިސާއަށް ވީއެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަލަސްތީނު ރެޑް ކްރެސެންޓްއިން އެދިފައިވާ ކަމަށެވެ. އެހެން ކަމުން މިދިޔަ މަހު 28 ވަނަ ދުވަހާ ހަމައަށް ރިލީޑް ފަންޑަށް ލިބިފައިވާ ފައިސާ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި ކަމަށް އެމްއާރްސީއެމްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މުއްދަތުގައި އެ ފަންޑަށް 2،105،227.14 ރުފިޔާ ލިބިފައިވާ ކަމަށް އެމްއާރްސީއެމްއިން ވަނީ ބުނެފައެވެ.

އެމްއާރްސީއެމްއިން ބުނީ ދިވެހިންގެ ފަރާތުން އެ ފަންޑަށް ލިބިފައިވާ ފައިސާ ދެފުށްފެންނަ ނިޒާމެއްގެ ދަށުން ހަވާލުކުރެވި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަލަސްތީނު ރެޑް ކްރެސެންޓް މެދުވެރިކޮށް ފޯރުކޮށްދެވޭ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓްއިން އާންމު ރައްޔިތުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

އެ ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނީ އަނިޔާވެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް އެހީތެރިވުމަށް ކަމަށް އެމްއާރްސީއިން ބުނެއެވެ. އޭގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީވުމަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށްވެސް އެމްއާރްސީއިން ވަނީ ބުނެފައެވެ.