އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 50 އާއިލާއެއް ވަނީ އެއްކޮށް ޝަހީދު ކޮށްލާފައެވެ. އިނގިރޭސިވިލާތުގައި ތިބި ފަލަސްތީނުގެ ތިން މީހަކު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ އެމީހުންގެ ގާތް ތިމާގެ 20 އަށް ވުރެ ގިނަ މީހުން އެއް ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށާއި އަދިވެސް ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވެސް ތިބި ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން އަހްމަދު އަލް ނައުކް އޭނާގެ އާއިލާއާ އެކު މި ސެލްފީ [ފޮޓޯއިން ފެންނަ ސެލްފީ] ނެގީ އަވިގަދަ ހުކުރު ދުވަހެއްގެ މެންދުރުގެ ވަގުތެއްގައެވެ. އެދުވަސް ވަރަށް ރަނގަޅަށް އޭނާ ހަނދާން އެބަހުއްޓެވެ.
ބައްޕަގެ ގޭގައި ހުރި ޒައިތޫނި ގަސްތަކުގެ ހިޔަލުގައި އޭނާގެ އެއްބަނޑު މީހުންނާއި އެމީހުންގެ ދަރިންނާއެކު ވަގުތު ހޭދަ ކުރީ ކެއުމާއި ސަކަރާތް ޖެހުމާއި އެކި އެކި ވާހަކަ ދެއްކުމުގައެވެ.
އެކުދިންނާއެކު އަހުމަދު މި ފޮޓޯ ނެގީ ކުޅެން އުޅުމަށް ފަހު ވަގުތު ހުސްކޮށްލައިގެން ކާން މޭޒު ކައިރިއަށް އެއްވި ވަގުތުއެވެ. އޭގެ ތެރެއިން ގިނަ ކުދިން މިހާރު ވަނީ އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދު ވެފައެވެ.
އެ ކުދިން ޝަހީދުވެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އެ އާއިލާގެ ގެއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައެވެ. އޭގެ ތެރޭގައި އޭނާގެ ބައްޕަ އާއި އެއްބަނޑު އެއްބަފާ ތިން އަންހެނުންނާއި ދެ ފިރިހެނުންނާއި އަދި 14 ކުޑަ ކުދިން ހިމެނޭ ގޮތަށް ޖުމްލަ 21 މީހުން ވަނީ ޝަހީދުވެފައެވެ.
އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަކަށް ފަހުއެވެ. އިޒްރޭލުން ބުނެފައި ވަނީ އެ ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަސީރު ކޮށްފައިވާ ކަމަށެވެ.
އިޒްރޭލުން ބުނީ ގާޒާގައި އިޒްރޭލުން ގެންގުޅޭ ސްޓްރެޓެޖީއަކީ ހަމާސް ޖަމާއަތް ނައްތާލުމާއި އާންމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން ކަމަށެވެ.
ފަލަސްތީނުގެ ގިނަ މީހުންނެކޭ އެއްފަދައިން އަހްމަދުގެ އެއްބަނޑު މީހުންވެސް ދިރިއުޅުން ބިނާކުރުމަށް ގެ ބިނާކުރީ ބައްޕަގެ ގޭގެ މަތީގައެވެ.
އޭނާގެ އެއްބަނޑު އެއްބަފާ އަންހެނެއް ކަމަށްވާ، އަޔާ އޭނާގެ ދަރިންނާއެކު ބައްޕަގެ ގެޔަށް ދިޔައީ ވައިގެ ހަމަލާއެއްގައި އެމީހުންގެ އެޕާޓްމަންޓަށް ލިބުނު ގެއްލުމަށްފަހު ހިޔާވަހިކަން ހޯދުމަށެވެ. އޭނާގެ އެހެން ދެބެއިން ކަމަށްވާ ވާލާ އާއި އާލާ ވެސް ދަރިންނާ އެކު އެތަނުގައި ތިއްބެވެ. އެ ގެ ހުރީ ގާޒާގެ މެދުގައި، މީގެ ކުރިން ދުވަހަކުވެސް ހަމަލާއެއް އަމާޒުކުރެވިފައި ނުވާ ސަރަހައްދެއް ކަމަށްވާ ދީރް އަލް ބަލާހް އަވަށުގައެވެ. އެމީހުން ހީކުރީ އެއީ ރައްކާތެރި ތަނަކަށް ވާނެ ކަމަށެވެ.
އަހްމަދު މީގެ ހަތަރު އަހަރު ކުރިން އެންޖީއޯއެއްގައި މަސައްކަތް ކުރުމަށް ލަންޑަނަށް ބަދަލުވިފަހުން އަނބުރާ ފަލަސްތީނަކަށް އޭނާ ނުދެއެވެ. އެންމެ ފަހުން ކުޑަ ކުދިންތައް އެކުގައި ފެނުނު މަންޒަރު ފެނުނީ ވީޑިއޯ ކޯލަކުންނެވެ. އޭނާއަށް ބޯނަސް އެއް ލިބުން ވާހަކަ ހިއްސާކޮށް، އެކަމުގެ އުފަލުގައި ކާން ދޭނެ ކަމަށް އެކުދިންނަށް އޭނާ ވައުދުވިއެވެ.
އެ އެންމެން ވެސް ބުނީ ގޮނޑުދޮށަށް ގޮސް ސަކަރާތް ޖަހާލާ ކާން ބޭނުންވާ ކަމަށެވެ. އެކުދިން ބޭނުންވާ ގޮތަށް އަހްމަދު ވަނީ އެކަން ފަހިކޮށްދީފައެވެ.
އެދުވަހު ގޮނޑުދޮށުގައި ތިބެގެން އެ ކުދިން އޭނާއަށް ގުޅައި، ވާހަކަ ދައްކަން ފޯނާ ހިފަމުން ދިޔައެވެ.
އޭގެ ތެރެއިން އެތައް ކުދިންނެއް މިހާރު ޝަހީދުވެފައިވާއިރު ކޮންމެ ކުއްޖެއްގެ ނަމާއި އުމުރު މަތިން ހަނދާންވުމުން އަހްމަދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
އެކުދިންގެ ތެރެއިން 13 އަހަރުގެ އެސްލަމަކީ އަހްމަދު އެންމެ ރަނގަޅަށް ދަންނަ ކުއްޖެވެ. އެސްލަމް އުފަންވިއިރު އަހްމަދަކީ ޒުވާން އުމުރުގެ ކުއްޖެކެވެ. އަހްމަދުގެ ދައްތަ މަސައްކަތުގައި އުޅޭ ވަގުތު އެސްލަމް ބަލަހައްޓަނީ އަހްމަދުގެ މަންމައެވެ. މަންމައަށް އެހީތެރިވުމަށްޓަކައި އަހްމަދު އެސްލަމްއަށް ކާންދީ ހެދުން ބަދަލުކޮށްދީ ހަދައެވެ.
އަސްލަމް ބޮޑުވަމުން ދިޔަ އިރު ވާން ބޭނުންވީ އޭނާގެ ބޮޑުބޭބެފަދަ މީހަކަށް ކަމަށް ބުނަމުން އައެވެ. އަހްމަދު ބުނި ގޮތުގައި އޭނާ އަކީ އޭނާގެ ކްލާހުގެ އެންމެ މޮޅު ކުއްޖާ ކަމަށާއި އިނގިރޭސިވިލާތަށް އައުމަށް އިނގިރޭސި ބަސް ދަސްކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.
އަސްލަމް އާއެކު އޭނާގެ ކުޑަ ދެބެއިންނާއެކު - އުމުރުން 10 އަހަރުގެ ދީމާ، 9 އަހަރުގެ ތަލާ، 5 އަހަރުގެ ނައުރް އަދި 2 އަހަރުގެ ނަސްމާގެ އިތުރުން އޭނާގެ ކަޒިންސް ރަގަޑް (13 އަހަރު)، ބަކުރު (11 އަހަރު)، 9 އަހަރުގެ އަންހެން ކުދިން ކަމަށްވާ އެސްލާމް އާއި ސާރާ، 8 އަހަރުގެ މުހައްމަދު އާއި ބަސޭމާ އަދި 6 އަހަރުގެ އަބްދުالله އާއި ތަމީމް ވަނީ ޝަހީދުވެފައެވެ.
އެ ހަމަލާއަށް ފަހު އަހްމަދު ވަނީ ކޮންމެ ކުއްޖެއްގެ ފޮޓޯތަކެއް އޮންލައިންކޮށް ޕޯސްޓްކޮށް އެ ކުދިންނަށް ވީ ގޮތް ދުނިޔެއަށް އަންގައިދީފައެވެ.
ބޮމުގެ ހަމަލާއެއް އަމާޒުވިއިރު، އަހްމަދުގެ ބޭބެގެ ބޭބެ މުހައްމަދު އާއި އޭނާގެ އަންހެނުން ޝިމާއާއި ދަރިފުޅު އުމަރު ތިބީ އެނދުމަތީގައެވެ. މި ހަމަލާގައި މުހައްމަދު ވަނީ ޝަހީދުވެފައެވެ. އަދި އުމަރު އާއި ޝިމާ ވަނީ ސަލާމަތްވެފައެވެ.
ހަމަލާގައި ލިބުނު ގެއްލުމަށް ފަހު އިމާރާތުގެ ކުނިތަކުގެ ދަށުން ދެން ނެގީ އުމުރުން 11 އަހަރުގެ މަލާކް އެވެ. އެ ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެ، ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ވަނީ ފިހިފައެވެ.
މަލާކްގެ ފޮޓޯއެއް ފުރަތަމަ ފެނުމުން އަހްމަދު ހީކުރީ އެއީ ފިރިހެން ކުއްޖެއްގެ ފޮޓޯއެއް ކަމަށެވެ. މަލާކްގެ އިސްތަށިގަނޑު ވަނީ އަލިފާނުގައި އަނދައިގެން ގޮސްފައެވެ.
މަލާކް މެން ގެއަށް އިޒްރޭލުގެ ބޮމުގެ ހަމަލާ އަމާޒުވިއިރު، މަލާކްގެ ބައްޕައެއް ގެއަކު ނެތެވެ. އެހެންކަމުން މަލާކްގެ ބައްޕަ ހުރީ ސަލާމަތުންނެވެ. ނަމަވެސް އޭނާގެ އަންހެނުންނާއި އިތުރު ދެ ދަރިން ވަނީ ޝަހީދުވެފައެވެ. އަހްމަދު އޭނާއަށް މެސެޖުކޮށް އޭނާގެ ހާލު ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ އޭނާއަކީ ފުރާނައެއް ނެތް ހަށިގަނޑެއް ކަމަށެވެ.
ބޮން ގޮއްވާލިތާ ހަފުތާއެއް ފަހުން އިޒްރޭލުން ހަމަލާތައް އިތުރުކުރުމާ އެކު ގާޒާގެ މުވާސަލާތީ ހިދުމަތްތައް ގާތްގަނޑަކަށް މުޅިން ކަނޑާލާފައިވާއިރު އަހްމަދަށް އެއްވެސް މީހަކާ ގުޅޭނެ ގޮތެއް ނެތެވެ. އޭގެ ދެ ދުވަސް ފަހުން އަލުން ސިގްނަލް ލިބުމުން ގުޅާލުމުން ލިބުނު ހަބަރަކީ މަލާކްވެސް މަރުވިކަމުގެ ހަބަރެވެ.
ސިއްހީ ވަސީލަތްތައް މަދުވަމުން ދިޔައިރު، 11 އަހަރުގެ ކުއްޖާ އައިސީޔޫ ޔުނިޓުން ނަގަން ޖެހުނީ އެއަށްވުރެ އާޖެންޓް ކޭސްއެއް އައުމުންނެވެ. އޭރު މަލާކް އޮތީ ވަރަށް ވޭނުގައެވެ.
"ކޮންމެ ދުވަހަކު އެތައް ފަހަރަކު މަރުވި ކަމުގެ އިހުސާސް އަހަންނަށް ކުރުވާ." އޭނާގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮށީ އަދި އެންމެ ފަހު ދަރިފުޅު ދުނިޔެއާ ވަކިވަމުން ދާ މަންޒަރު ބަލާކަށް އޭނާގެ ހިތަކަށް ކެތެއް ނުވެއެވެ.
މުވާސަލާތީ ހިދުމަތް ކަނޑާލުމުގެ ކުޑައިރުކޮޅެއް ކުރިން އަހްމަދަށް އެނގުނީ އޭނާގެ ބޮޑުބޭބެގެ ގެޔަށްވެސް ބޮމުގެ ހަމަލާއެއް އަމާޒުވިކަމެވެ. އެ ހަމަލާގައި ގެއްލުން ލިބުނީ އަދި ޝަހީދުވެގެން ދިޔައީ ކޮންބައެއް ކަމެއް އޭނާއަށް އަދިވެސް ނޭނގެއެވެ. އަންގާރަ ދުވަހު އޭނާއަށް އެނގުނީ އޭނާގެ ގާތް ރަހުމަތްތެރިން ކަމަށްވާ މައިސާރާ އާއި ލައުރާގެ ގެއަށް ވެސް ބޮމުގެ ހަމަލާއެއް އަމާޒުވިކަމެވެ. އަނެއްކާ ވެސް އެތައް ޖީލެއް ޝަހީދުވެގެން ދިޔައީއެވެ. ލައުރާ ސަލާމަތްވި ނަމަވެސް މައިސާރާ ވަނީ އިމާރާތުގެ ކުނިތަކުގެ ދަށުގައި ގެއްލިފައެވެ.
ޖުމްލަގޮތެއްގައި އިނގިރޭސިވިލާތުގައި ތިބި ތިން މީހަކު ބީބީސީއަށް އިންޓަވިއު ދިން އިރު، އެއިން ކޮންމެ މީހެއްގެ އާއިލާގެ 20 އަށް ވުރެ ގިނަ މީހުން ވަނީ ހަމަލާތަކުގައި ޝަހީދުވެފައެވެ.
ދަރްވިޝް އަލް މަނާމާ ކިޔާ މީހަކު ބުނީ އޭނާގެ އާއިލާގެ 44 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ދައްތަ ސަލްމާ އާއި އޭނާގެ ފިރިމީހާ އާއި އެ މީހުންގެ ބޮޑެތި ހަތަރު ދަރިންނާއި އެއް އަހަރުވުމާ ގާތްވެފައި ހުރި އެމީހުންގެ މާމަ ދަރިއެއްވެސް ހިމެނެއެވެ.
އޭނާގެ އާއިލާ މަރުވިކަން ދަރްވިޝްއަށް އެނގުނީ ވަޓްސްއެޕުން ފޮނުވި ލިސްޓުންނެވެ.
ލަންޑަނުގެ އާކިޓެކްޓް އަދި އިލްމުވެރިއެއް ކަމަށްވާ ޔާރާ ޝަރީފް ވަނީ ހަނގުރާމައިގެ ހަފުތާއެއްހާ ދުވަސް ފަހުން އިޒްރޭލުން ދިން ހަމަލާއެއްގައި ހަލާކުވި އޭނާގެ ބޮޑުދައިތަގެ ގޭގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
"އެއީ ވަރަށް ރީތި ގެއެއް. މެދުގައި ބޮޑު ހުސް ޖާގައެއް ލާފަ އޮތް ބޮޑު ގަނޑުވަރެއް ހަމަ." އަހްމަދުގެ އާއިލާފަދައިން އެ އާއިލާގެ ފިރިހެން ކުދިންވެސް ވަނީ ދިރިއުޅުން ބިނާކުރުމަށް ގޭގެ މަތީގައި އެޕާޓްމަންޓްތައް އަމިއްލައަށް ހަދާފައެވެ.
ފޭސްބުކުން ޔާރާއަށް އެނގުނީ އޭނާގެ ގާތް ތިމާގެ 20 މީހުން ޝަހީދުވެފައިވާކަމެވެ. އޭގެ ތެރޭގައި އޭނާގެ ބޮޑު ދައިތައާއި ބޮޑު ބޭބެއާއި ޔާރާގެ ދެ ކަޒިންއަކާއި، 10 ކުޑަކުދިންގެ އިތުރުން ދުރުތާ ތިމާގެ އާއިލާ ހަ މީހަކުވެސް ހިމެނެއެވެ.
އެ މީހުންގެ ބައެއް ހަށިތައް އިމާރާތްތަކުގެ ދަށުން ކުނިތަކުގެ ތެރެއިން ނެގި އިރު، އެމީހުންގެ ނަންތައް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މަރުވެފައިވާ މީހުންގެ ލިސްޓުގައި ފެންނަން އެބަހުއްޓެވެ.
އެ ލިސްޓުން ފެންނަ ޔާރާގެ އާއިލާ މީހުންގެ ތެރެއިން ސަމާގެ އުމުރަކީ 16 އަހަރު، އުމަރު އަދި ފަހުމީ އަކީ 14 އަހަރުގެ އެއްމާބަނޑު ދެކުދިން، އަބްދުއްރަހްމާން 13، ފާތިމާ 10، އޮބައިދާ 7، އެލެމަން އާއި ފާތިމާ 5، ޔޫސުފް 4، އަދި ސާރާ އާއި އަނަސްގެ އުމުރަކީ 3 އަހަރެވެ.
ޔާރާގެ ދެ ކަޒިންސް ދިރި އެބަހުއްޓެވެ. އެ ކުދިންގެ ނަން ހާމަ ނުކުރުމަށް އެދުނީ، މީޑިއާއާ ވާހަކަ ދައްކާ މީހުންނަށް ހަމަލާތައް އަމާޒުކުރާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ.
ގާޒާގައި ހައިމާކުތައް ބޭނުންކޮށްގެން އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ މިންވަރަށް ތެލެއް ނެތެވެ. އެ އުޅަނދުތައް ބޮޑަށް ބޭނުންކުރަމުން އަންނަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިތިބި ދިރިތިބި މީހުން ސަލާމަތްކުރުމަށެވެ.
ހުކުރު ދުވަހު އަހްމަދަށް ވަނީ އިޒްރޭލުގެ ހަމަލާތަކުގައިޝަހީދުވެފައިވާ މީހުންގެ ލިސްޓެއް ފެނިފައެވެ. އެ ލިސްޓުގައި އޭނާގެ އާއިލާގެ 12 މީހުންގެ ނަން އޮތެވެ. އަނެއް ނުވަ މީހުން އަދި ފެނިފައެއް ނުވެއެވެ.
ބޮމުގެ ހަމަލާ ހިނގިއިރު އަހްމަދުގެ އެންމެ ބޮޑު ދައްތަ ހުރީ އެމީހުންގެ ގޭގެއައެވެ. ހަމަލާގެ ހަބަރަށް ފަހު އޭނާ ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ނަމަވެސް މީހުންގެ މަސްތައް ކުނިވެގެން ދުވާ ވަހުން މާ ގިނަ އިރު މަޑުނުކުރެވުނު ކަމަށް އޭނާގެ ދައްތަ ބުނި ކަމަށް އަހްމަދު ބުންޏެވެ.
އަހްމަދު އޭނާގެ ދިރިހުރި އާއިލާ މީހުންނަށް ގުޅަން ގިނަ މަސައްކަތްތަކެއް ކުރާ ނަމަވެސް، މުވާސަލާތީ ހިދުމަތްތައް ކަނޑަމުން އަންނާނީ އެމީހުންގެ ހާލު ގަވައިދުން ބަލަން ވަނީ ދަތިވެފައެވެ.
ބޮމުގެ ހަމަލާއަށް ފަހު އޭނާއަށް ކުރެވޭ އިހުސާސްތަކަކީ ބުނެދޭންވެސް ނޭނގޭ ހިތާމަވެރި އިހުސާސްތަކެއް ކަމަށް އަހްމަދު ކިޔައިދިނެވެ. "ހީވަނީ ހަށިގަނޑުގައި ހިތެއްވެސް ނެތްހެން. ރުއިމަކީވެސް ބޭކާރު ކަމެއް. އެކަމުން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ. ސީދަލަށް ކޮޅަށްވެސް ނުހުރެވޭ. ހަމަޖެހިގެން އިށީންދެގެންވެސް ނީނދެވޭ. ރަނގަޅަށް ނުވެސް ނިދޭ. މި އިހުސާސްތައް ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނެތް."
އަހްމަދު ބުނި ގޮތުގައި އޭނާގެ ބައްޕައަކީ އޭނާ ދަންނަ އެންމެ އޯގާތެރި މީހެވެ. ޓެކްސީ ދުއްވުމާއި އިމާރާތް ކުރުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވީ ދަރިންނަށް ގެއެއް ހަދައި އެކުދިންނަށް ރަނގަޅަށް ކިޔަވައިދިނުމަށެވެ. ހަމަލާތަކުގެ ހަބަރުތައް އަޑު އަހަމުން ދެންދިޔަ އިރު، މި ހަމަނުޖެހުންތަކަށް އޮތް ހަމައެކަނި ހައްލަކީ ޔަހޫދީންނާއި ފަލަސްތީނު މީހުން ސުލްހަވެރިކަމާއެކު އެކަކު އަނެކަކާ އެކު އުޅެވޭނެ އެއް ދައުލަތެއްގެ ހައްލެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.