ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ އަސަރުގަދަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އެއް ފިލްމު "އާޝިގީ 3" ގެ ބަތަލާ އަކީ ތާރާ ސުތައިރާ ނޫންކަން ހާމަވެއްޖެއެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބުނީ ތާރާ މި ފިލްމަށް ނެގި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި މި ފިލްމުގެ ބަތަލާއެއް ހޯދަން އަދި ނުވެސް ފަށާ ކަމަށެވެ. މުކޭޝް ބުނީ އާޝިގީ ފިލްމުތަކަކީ އެންމެ ރީތި މިއުޒިކް ހުންނަ ފިލްމުތައް ކަމަށާއި މިފަހަރުވެސް އެންމެ އިސްކަމެއްދީގެން މިއުޒިކްގެ ކަންތައް ނިންމާލެވޭތޯ މަސައްކަތްކުރާ ކަމަށެވެ. އަދި ފިލްމަށް ބަތަލާ އެއް ހޯދާނީވެސް ފިލްމުގެ މިއުޒިކް އެއްކޮށް ނިންމާލައިފައި ކަމަށްވެސް މުކޭޝް ވަނީ ބުނެފައެވެ. މި ފިލްމު އިއުލާންކުރުމާއެކު މި ފިލްމަށް އެކި ތަރިން ހަމަޖެއްސި ވާހަކައިގެ އަޑު ވަނީ ފެތުރިފައެވެ. ދީޕިކާ، ކްރިތީ، ޝްރައްދާ، ސާރާ، އަކަކުންޝާ، ޖެނިފާ ވިންގެޓް އަދި ފާތިމާ ސަނާ ޝެއިހްހަމަޖެއްސިކަމުގެ އަޑުވެސް ފެތުރުނުނެވެ.

"އާޝިގީ 3" އިއުލާންކުރީ އެކްޓަރު ކާރްތިކް އާރްޔަން އާއެކުގައެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެން އުފައްދާ މި ފިލްމަކީ އަނޫރާގް ބާސޫގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ. ގިނަ ބައެއް މިހާރު އިންތިޒާރުކުރަމުން އަންނަނީ ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ކޮންތަރިއެއް ކަން ބެލުމަށެވެ.

އާޝިގީ އަކީ އިންސްޓޯލްމަންޓެކެވެ. މި ފިލްމުގެ އެންމެ ފުރަތަމަ ފިލްމު "އާޝިގީ" ރިލީޒްކުރީ 1990 ގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަހޭޝް ބަޓްއެވެ. ފިލްމުގެ ތަރިންނަކީ ރާހުލް ރޯއީ އަދި އަނޫ އަގަރުވާލެވެ. މި ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް "އާޝިގީ 2" ނުކުތީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ހަރަކާތްތެރިވީ އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.