ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރަށްބޭރުން ކަނޑުއަޑީގައި ހުރި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި މުޅިން އަލަށް ރަށެއް އުފެދިއްޖެއެވެ.

ޖަޕާނުގެ އޮގަސަވަރާ ރަށްތައް ކައިރީގެ ކަނޑުއަޑިން މީގެ ތިން ހަފްތާ ކުރިން މި އަލިފާން ފަރުބަދަ ގޮވަން ފެށިއިރު، ފާއިތުވި ދުވަސްތަކުގައި އެކި ފަހަރު މަތިން ކުޑަ ގޮވުންތައް ވަނީ ގޮވާފައެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ ވޯލްކަނޯ ޑިވިޝަނުން ބުނީ މި ގޮވުންތަކާއެކު މީގެ 10 ދުވަސް ކުރިން އުފެދުނު އަޅި އާއި އިތުރު މައުދަންތަކުގެ ސަބަބުން އެ ހިސާބުން ކުޑަރަށެއް އުފެދިފައިވާ ކަމަށެވެ، މި ރަށުގެ ބޮޑުމިނުގައި 328 ފޫޓު ހުރިއިރު މި ރަށް ކަނޑަށްވުރެ 66 ފޫޓު އުސްކަމަށް އެ އެޖެންސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އެޖެންސީއިން ބުނީ މި ރަށަށް އަންނަ ބަދަލުތައް ވަރަށް ކައިރިން ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް އަލިފާން ފަރުބަދަ ގޮވުން ހުއްޓިއްޖެނަމަ މި ރަށް އިތުރަށް ބޮޑުވުމުގެ ފުރުސަތު ކުޑަކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ޖަޕާނަށް އައި ބިންހެލުންތަކާއެކު މިފަދަ ކުދި ރަށްތައް އުފެދިފައިވާއިރު، އެ ރަށްތައް ވެސް އެނބުރި ފެނުގެ އަޑިއަށް ވަނީ ގޮސްފައެވެ. އެހެންކަމުން އަލަށް އުފެދުނު މި ރަށަށްވެސް ފެނުގެ އަޑިއަށް ހިނގައިދާނެކަމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.