އެއާޕޯޓް މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީސަރުކާރާ ހަވާލުވިއިރު އަޅައިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ ކަމަށާއި ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަން ހޯދަން ޖެހުނު ފައިސާ ހޯދެވި ކަމަށާއި އެ ގެނެވުނު ބަދަލުތަކާއެކު ނިމެމުން އެދާ ހިތްގައިމު ޓާމިނަލްގެ ހަގީގީ ސިފަ ހުޅުލޭގެ މަލައިން ފެންނަން ހުންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ނިމޭއިރު އެ ޓާމިނަލް ވެގެންދާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމަށެވެ.
ރައީސް ސޯލިހު އެފަދައިން ވިދާޅުވި ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަޝްރޫއު ނިންމުމަށް 1.2 ބިލިއަން ރުފިޔާ ދޭނެ ކަމުގެ ޔަގީންކަން ޔޫއޭއީ އިން ދީފައިވާ ކަމަށެވެ.
އެއާޕޯޓް މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމާއި އަދި ޑިޒަންތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކުރިން ކަނޑައެޅުނު އަގަށް ވުރެ އެތައް ތަނެއް މަޝްރޫއުގެ އަގު ބޮޑުވެފައި ވާކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ އެ މަޝްރޫއު ނިންމުމަށް 79.80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެހެންކަމުން ޔޫއޭއީން ދޭން ނިންމި އެހީގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ފައިސާއާއެކު އަންނަ އަހަރުގެ ޕީކް ސީޒަންއަށް ވީއައިއޭ ނިންމަން އާ ސަރުކާރުން އަމާޒު ހިފާފައި ވާ އިރު އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ކުރީގައި އެއާޕޯޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވީއައިއޭއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި މަސައްކަތުގެ ސައިޓަށް ވަޑައިގެން އަމަލީ ގޮތުން އެކަން ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވާލައްވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫގައި އަލަށް އަޅާ ބައިނަލްއަގްވާމީ އެއާޕޯޓުގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުން ކަމަށާއި އައްޑޫގެ އިގްތިސޯދީ ތަރައްގީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަޝްރޫއު އެދަނީ ކުރިއަށް ކަމަށެވެ. އަދި ހަމައެއާއެކު އައްޑޫގެ މުސްތަގްބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށްފައިވާ ކަމަށާއި އިގްތިސޯދީ އިތުރު ފުރުސަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.