ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްގޮސްފައިވަނީ ވޯޓުން ނުވެއްޖެނަމަ ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެން ދިއުން އަމާންކަމާއެކު ހިނގަމުންދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ސަރުކާރުތައް ބަދަލުވެ، ވެރިން އައިސް ގޮސްވާނެ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން ކަމަށެވެ.

ޖުމްހޫރީ ނިޒާމަށް މިއަދު ފުރުނު 55 އަހަރުގެ ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އަރިސްކުރަމުން ރައީސް ސޯލިހު ވިދާޅުވީ އަމިއްލަވަންތަ އިސްލާމީ މިނިވަން ޖުމްހޫރީ މި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ބޮޑު ކަމަށާއި މި ފާއިތުވި 55 އަހަރު އެންމެ ހިނދުކޮޅަކަށް ވެސް އެކަން މި ރާއްޖެއިން ފިލައިނުދޭ ކަމަށެވެ. އަދި މިއަދު ވެސް ފާހަގަކުރަމުން ދަނީ އެ އުފަލާއި ފަހުރު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެ މަނިކުފާނު އެ މަގާމަށް އިންތިހާބު ކުރިއިރު އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށާއި ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް އެ މަގާމު ހަވާލުކުރެއްވީ ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް ކަމަށާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުން އެ މަސްއޫލިއްޔަތު މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާ އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް މަގުތަކުގެ އަމާންކަން މިއަދު އިހުސާސްވާ ކަމަށާއި ހިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފި ކަމަށާއި އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.