ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް އެ ބޭފުޅުންގެ ލަފާފުޅާއެކުއެވެ. ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ގާނޫނު ނަންބަރު (14/2019) ގެ ދަށުންނެވެ.

ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށަށް ބަދަލުކުރުމަށް ރައީސް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމަކަށް ނުވުމުނާއި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހަކަށް ނުވުމުންނެވެ.

އަދި ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުންކަމަށް ވަޒީރުންގެ މަޖިލީހުންވެސް މިއަދު ވަނީ ރައީސް އަށް ލަފާ އަރުވާފައެވެ. މީގެ އިތުރުން ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަމަށް ވަޒީރުންގެ މަޖިލީހުން ފާހަގަ ކޮށްފައި ވެއެވެ.

ހަމަ އެހެންމެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބުމުގެ އިތުރުން ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސާދީގޮތުންނާއި އިޖުތިމާއި ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެކަމެއްކަން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކަރުދާހުގައި ވަނީ ފާހަގަކޮށްފައެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.