ފެނަކައިން ކޮރަޕްޝަނަށް މަގުފައިވާ ގޮތަކަށް އަމަލު ކުރާކަމަށް ދޭހަވާ ގޮތަކަށް ހަބަރު ފަތުރަނީ ކުންފުނީގެ އަގު ވައްޓާލުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން މިހެން ބުނީ، "ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގަނީ" މި ސުރުހީގެ ދަށުން، އިއްޔެ ނޫހަކުން އާންމު ކުރި ހަބަރާ ގުޅިގެންނެވެ.

ފެނަކައިން ބުނީ، އެކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފައިވާ ގޮތަކަށް އަމަލު ކުރާކަމަށް ދޭހަވާ ގޮތަކަށް ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރު ކަމެއްނެތި ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ އަމަލުތަކެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން 6 ރަށެއްގެ ބޯފެނުގެ ނިޒާމް ހިންގަމުންދާ ކުންފުންޏަކަށް ވާއިރު، ދެންނެވުނު ރައްތަކުގައި އާންމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް މެދުކެނޑުނަނުދީ ފޯރުކޮށްދިނުމަކީ ކުންފުނީގެ ގާނޫނީ ޒިންމާއެއް ކަމަށް ފެނަކައިން ބުނެއެވެ.

މި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރެވެމުންދާ މަސައްކަތްތަކަށް ކަން ފާހަގަކުރަމުން ފެނަކައިން ބުނީ މި ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ މެޓީރިއަލްސް އާއި ދުރާލައި ހޯދަންޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިން ކަމަށެވެ.

ފެނަކައިން ބުނީ، ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭނެ ސަބަބެއް ކަމަކަށް ކުންފުނިން ނުދެކޭ ކަމަށެވެ.

އެހެންކަމުން މި ކުންފުނިން ހިންގޭ އެއްވެސް މުއާމަލާތެއްގައިވެސް ކޮރަޕްޝަނަށް މަގުފައިވެދާނެފަދަ އެއްވެސް އަމަލެއް ހިންގަމުން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންގެ އަރުވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ވަނި، އާންމު ރައްޔިތުންގެ ހިތްތަކުގައި އެ ކުންފުންޏާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، ކަމުގެ ހަގީގަތް ސާފުކުރުމެއްނެތި މިފަދަ ހަބަރުތައް ތަކުރާރުކޮށް އާންމުކުރުމަކީ އެންމެ ޒިންމާދާރުކަމާއެކު ކޮށްފައިވާ ކަމެއްކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން ހާއްސަކޮށް ވަކި ނޫހަކުން ފަތުރަމުންދާ ހަބަރުތައް، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް އާންމު ކުރުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ.