އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު އިޒްރޭލުން ގާޒާގެ ކުށެއް ނެތް ރައްޔިތުން ޝަހީދު ކުރަމުން ދާ މައްސަލައިގައި ލެޓިން އެމެރިކާގެ ގައުމެއް ކަމަށް ވާ ބޮލީވިއާ އިން އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލިކަން އާންމުކޮށް އަންގާ އިއުލާން ކޮށްފިއެވެ.
ބޮލީވިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފްރެޑީ މަމާނީ ވިދާޅުވީ، އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހަދާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަރުމާއެކު އެގައުމާ ސިޔާސީ ގުޅުން ކަނޑާލަން ނިންމާ ކަމަށެވެ.
އެގައުމުން މިކަން އިއުލާން ކުރި އިރު، ވެރިން ތިއްބެވީ ފަލަސްތީނަށް ތާއީދު ކުރާކަން ރަމްޒުކޮށްދޭ ސްކާފް އަޅުއްވައިގެންނެވެ.
މި އާއެކު އެގައުމުން ވަނީ ފަލަސްތީނަށް އެހީގެ ތަކެތި ފޮނުވާނެ ކަން ވެސް އިއުލާން ކޮށްފައެވެ.
މިނިސްޓާ އޮފް ޕެރެޒިޑެންސީ މާރިއާ ނެލާ ޕްރާޑާ ވިދާޅުވީ، ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާ ކަމަށާއި އެތައް އާންމު ރައްޔިތަކު މަރުވެ އެތައް ބަޔަކު ވަޒަނުން ބޭރުވާން ޖެހުމުގެ ބިރު އިތުރުވަމުން ދާ ކަމަށެވެ.
ބޮލީވިއާ އާ އަވަށްޓެރި ކޮލަމްބިއާ އާއި ޗިލީއިން ވަނީ އެގައުމުތަކުގައި ތިބޭ އިޒްރޭލު އެމްބެސެޑަރުން ހާޒިރުކޮށް އިޒްރޭލުގެ އުދުވާން ކުށްވެރި ކުރާ ކަމަށް ބުނެ އެ ހަމަލާތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.
ލެޓިން އެމެރިކާގެ ވާއަތުފިޔައިގެ ގައުމުތަކުން ފަލަސްތީނަށް ތާއިދު ކުރާ އިރު ކަނާއަތުފިޔައިގެ ގައުމުތަކުން ބަލަނީ އެމެރިކާއިން އަމަލު ކުރާ ގޮތެވެ. އެއީ ހެޔޮގޮތް ކަމަށެވެ.
ޗިލީގެ ރައީސް ގެބްރިއަލް ބޮރިކް ވިދާޅުވެފައި ވަނީ، އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް އަދަދު ދިނުން ބަލައިނުގަނެވޭނެ ކަމަށާއި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާވެސް ހިލާފު ކަމެއް ކަމަށެވެ.
އަރަބި ދުނިޔެ ނަގާ، ފަލަސްތީންގެ އެންމެ ބޮޑު ކޮމިއުނިޓީއެއް އޮންނަނީ ޗިލީގައެވެ.
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޑްރޯ ވިދާޅުވީ، އިޒްރޭލުން އެހިންގަނީ ފަލަސްތީނު މީހުން މެރުމުގެ ގަތުލުއާންމެއް ކަމަށެވެ.
ލެޓިން އެމެރިކާގައި ހިމެނޭ ބްރެޒީލް އާއި މެކްސިކޯއިން ވެސް ވަނީ ހަނގުރާމަ ހުއްޓާލަން ގޮވާލާފައެވެ.
ބޮލީވިއާގެ ނިންމުމަށް ހަމާސް އިން މަރުހަބާ ކިޔާ، އިޒްރޭލާއެކު ގުޅުން ކަނޑާލަން އަަރަބި ގައުމުތަކަށް ވަނީ ގޮވާލާފައެވެ.
2009 ގައިވެސް ބޮލީވިއާ އިން އިޒްރޭލާ ގުޅުން ކަނޑާލިއެވެ. އެފަހަރުވެސް އިޒްރޭލުގެ އުދުވާންތައް ކުށްވެރި ކޮށްފައި ވާ އިރު އަލުން ގުޅުން ގާއިމު ކުރީ 2020 ގައެވެ.
2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާގެ 1.4 މިލިއަން މީހުންގެ ގެދޮރު ސުންނާފަތި ކޮށްލައި ގެއިން ނެރެލާ ވަނީ ރެފިއުޖީންނަށް ހަދާފައެވެ.