އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ސީރިއަސް ޒަހަމްވި އެތައް ހާސް ބަޔަކަށް ފަރުވާ ދިނުމަށް 400 އަންހެން ސިއްހީ ހިދުމަތްތެރިން ހިމެނޭ ގޮތަށް 1،000 އަށް ވުރެ ގިނަ މެޑިކަލް ސްޕެޝަލިސްޓުން ވޮލަންޓިއާކޮށް ގާޒާއަށް ދާން ރަޖިސްޓާ ކޮށްފައިވާ ކަމަށް އަލްހިދުމަތު ހެލްތު ފައުންޑޭޝަނުން ބުނެފިއެވެ.

ޕާކިސްތާންގެ ނޫހެއް ކަމަށް ވާ 'ދަ ނިއުސް' އަށް މައުލޫމާތު ދެމުން އެ ފައުންޑޭޝަންގެ ޗެއާޕާސަން ޑރ. ޒާހިދު ލަތީފް ބުނީ، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގާޒާގައި ހިދުމަތް ދިނުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުމުން އޮންލައިންކޮށް ވަނީ 1000 އަށްވުރެ ގިނަ މެޑިކަލް ސްޕެޝަލިސްޓުން ރަޖިސްޓާ ވެފައި ކަމަށެވެ. އޭގެ ތެރޭގައި ކަށީގެ ޑޮކްޓަރުންނާއި، ނާރުގެ ޑޮކްޓަރުންނާއި، ޖެނެރަލް ސާޖަނުންނާއި، އެނެސްތެޓިސްޓުންނާއި، ކުޑަކުދިންގެ ޑޮކްޓަރުންނާއި، އެމަޖެންސީ އަދި ކްރިޓިކަލް ކެއާ ސްޕެޝަލިސްޓުންނާއި، ގައިނަކޮލޮޖިސްޓުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޖިސްޓާވި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށް ވެސް ޒާހިދު ފާހަގަ ކުރިއެވެ.

މިހާރު އިޒްރޭލްގެ ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު، މި ދުވަސްވަރަކީ ގާޒާއަށް އެތެރެވާން ނާދިރު ދުވަސްވަރެއް ކަން ޒާހިދު ފާހަގަ ކުރިއެވެ. ނަމަވެސް ގާޒާއަށް މި ވަގުތު ސިއްހީ ހިދުމަތްތެރިން ނުހަނު ބޭނުންވެފައި ވާކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.

ޕާކިސްތާނުން މިހާތަނަށް 1000 އަށް ވުރެ ގިނަ މެޑިަކލް ސްޕެޝަލިސްޓުން ގާޒާއަށް ދިއުމަށް ވޮލަންޓިއާ ކޮށްފައި ވާ އިރު، އިތުރު ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން ވެސް އަންނަނީ ގާޒާއަށް ދާން ބޭނުންވާ ކަން ހާމަ ކުރަމުން ކަމަށް ޒާހިދު ބުނެއެވެ. އެހެންކަމުން މިހާރު އެ ވޮލަންޓިއާ ކުރި މީހުން ގާޒާއަށް ފޮނުވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ބުނެއެވެ.

އެގޮތުން އިޒްރޭލާއި މިސްރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދޭ ކޮންމެ ފަހަރަކު، ގާޒާއަށް ޕާކިސްތާނުގެ ސިއްހީ ހިދުމަތްތެރިން ދާން ބޭނުންވާ ކަން އެންގުމަށް އިސްލާމްއާބާދުގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ކަންޓްރީ އޮފީހާއި މިސްރުގެ ގާހިރާގައި ހުންނަ ޑަބްލިއުއެޗްއޯގެ އެމްރޯ ހެޑް އޮފީހަށް ވަނީ ހުށަހަޅާފައި ކަމަށް ބުނެއެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާގައި މިހާތަނަށް 8000 އަށް ވުރެ މީހުން ޝަހީދުވެ، 20،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލްތަކަށް ގެއްލުންވެ، ސިއްހީ ހިދުމަތްތެރިން ޝަހީދުވެ، ފެނާއި ކަރަންޓާއި ތެލާއި ބޭސް ލިބުމުގައި ދަތިތައް ހުރުުމުން ގިނަ ބަޔަކަށް ސިއްހީ ހިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ހަމައެއާއެކު މި ވަގުތު 50،000 އެއްހާ މާބަނޑު މީހުން ތިބި ކަމަށާއި އެމީހުންނަށް ރައްކާތެރިކަމާއެކު ވިހެއުމުގެ ކަންކަން ހަމަޖެއްސެން ނެތް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.