ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ އާންމު ރައްޔިތުންނާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަން އިން ބުނީ މުއިއްޒު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ހަވީރު 4:30 ގައި ކަމަށެވެ. އަދި ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައި ވެއެވެ.

މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ މިދިޔަ ހުކުރު ދުވަހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކެމްޕެއިންގައި ވެވަޑައިގެން ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވާފައެވެ.

އަދި އޭނާއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ މުއިއްޒު ވިދާޅުވީ ދާދިފަހުން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު 2 ލިފްޓް ލުމަށް ހިމަނާފައިވާނެ ކަމަށެވެ. އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް މުއިއްޒު އަދި ސެންބެ ހިޔާ ސަރަހައްދަށް އެދުވަހު ވަޑައިގަތުމުން ވެހުނު ވާރޭގައި ވެސް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔުމަށް ނުކުމެފައެވެ. އަދި ރައްޔިތުންނަށް ސަލާމްކޮށް، ފޮޓޯ ނަގަން ބޭނުންވި ފަރާތްތަކަށް އެ ފުރުސަތުވެސް ދެއްވާފައި ވެއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތު ބައިވެރިވުމުގެ ފުރުސަތު ރާއްޖެއިން ބޭރުގެ ހުރިހާ މީޑިއާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.