ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔުންތައް ނައްތާލި މައްސަލަ ގައުމީ އަރުޝީފުން ފުލުހަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެފްއެސްއެމް ގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ބަލައިދިނުމަށް އެދި ގައުމީ އަރުޝީފުން މި މަހުގެ 25 ވަނަ ދުވަހު ސިޓީއަކުން ފުލުހަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔުންތައް ތިލަފުއްޓަށް ގެންގޮސް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ނައްތާލި މައްސަލައެއް ފެންމަތިވެފައި ވާއިރު ގައުމީ އަރުޝީފުން ބުނީ އެ ފަދަ ލިޔެކިޔުމެއް އިދާރާއަކުން ނައްތާލުމުގެ ކުރިން ގައުމީ އަރުޝީފަށް އަންގާ އެ އިދާރާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އެފްއެސްއެމް އިން އެފަދަ އެންގުމެއް ގައުމީ އަރުޝީފަށް އަންގަފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މިކަމާ ގުޅިގެން އެފްއެސްއެމް އިން ބުނީ ނައްތާލާފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކޮށްފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔުންތަކެއް ނޫން ކަމަށެވެ.