ގދ. ތިނަދޫގައި މީހުން ދިރިއުޅޭ ގެއްގައި އަލިފާން ރޯވެ އެކި ވަރުގެ ގެއްލުން ލިބިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، ތިނަދޫ ފައިތުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު ފަހު 15:50 އެހާއިރު ކަމަށާއި އަދި އެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ރޯވީ އެގޭގެ ސިޓިންގް ރޫމްގައި ކަމަށާއި އެ ގެއެއަކީ ފަސް ބިދޭސީން ދިރިއުޅެމުންދާ ގެއެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވެއެވެ.

އަލިފާނުގެ އެކި ހާދިސާތައް މާލެ އާއި ރަށްރަށުގައި ވެސް ހިނގަމުންދާ މިންވަރު އިތުރުވަމުން ދާއިރު މި މަހު ކުރީކޮޅު ވެސް ވަނީ މާލޭ ރެޑްވޭވް ޕްލާޒާ ކައިިރި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއްް ހިނގާފައެވެ. އެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާތައް ހިނގުން މަދު ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އަބަދުވެސް އެމްއެންޑީއެފް އިން ދަނީ ނަސޭހަތްތެރިވަމުންނެވެ.