ފ. މަގޫދޫގައި އެއާޕޯޓް އަޅާ ސަރަހައްދު އެ ރަށު ކައުންސިލުގެ އިހްތިސާސް އިން ވަކިކޮށް އެ ސަރަހައްދަކީ ވަކި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ނެރުއްވި ގަރާރާ އެކު، އެ އެއާޕޯޓް އަޅަން މިހާރު ހިއްކަމުންދާ ސަރަހައްދު ކައުންސިލްގެ އިހްތިސާސުން ވަނީ އުނިވެފައެވެ.

ކައުންސިލަށް ކަނޑައަޅާފައިވާ އިހްތިސާސްގެ ތެރޭގައި ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެށް ހިމެނޭ ނަމަ، އެ ކައުންސިލެއްގެ އިހްތިސާސްއިން އެބައި އުނިވާއިރު މިއަދު ގެޒެޓްކޮށްފައިވާ އިއުލާނުގައި މި ގަރާރުގައި ކައުންސިލްގެ އިހްތިސާސް ހިނގާ ސަރައްދު ވަކިން ފެންނަ ޗާޓެއް ވަނީ ހިމަނާފައެވެ.

ފ. މަގޫދޫގައި އެއާޕޯޓު އެޅުމަަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށާފައިވަނީ މިއަހަރު އޯގަސްޓަމުހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫގެ ދަށުން އެއާޕޯޓު އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ރަށުގެ ތަރައްގީ އަށާއި އެހެނިހެން ބޭނުންތަކަށް އިތުރު 17 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފ. މަގޫދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 231.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫގެ ދަށުން 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާ، ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުމާ، ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.