އިންޑިއާ އާއި ޗައިނާގެ އަރާރުން ނުވަތަ މައްސަލައިގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ބީބީސީ ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
މުއިއްޒު ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ގައުމުތަށް ކަމަށްވާ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ އަރާރުމުގެ ތެރެއަށް ވަންނަ ވަރަށް ވުރެ ރާއްޖެ މާ ކުޑަ ކަމަށާއި މުއިއްޒުގެ ސަރުކާރުގައި އެފަދަ ކަމެއްގެ ތެރެއަށް ވަދެވަޑައި ނުގަންނަވާނެ ކަމަށެވެ.
ކެމްޕެއިން ކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ފޮނުވާލާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރީ ސިފައިންގެ އެންމެ ބޫޓެެއް ވެސް ހުންނަ ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.
ވެރިކަަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންޑިއާ ސިފައިން ބޭރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުން ނުވާ ކަމަށް އިންޑިއާ ސަފީރަށް ވަރަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ވަނީ ކޮންއެއްޗެއް ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެ އެއްބަސްވުންތަކުގައި ވަނީ ކޮން އެއްޗެއްކަން އެނގިވަޑައި ނުގްނަނަވާ ކަމަށް ވިދާޅުވެފައި ވާކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ވާ އެއްޗެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުއަކީ "ޕްރޯ- ޗައިނާ" (ޗައިނާއަށް ބުރަވާ) ކެންޑިޑޭޓެއް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ މުއިއްޒަކީ "ޕްރޯ-މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ. އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަމަށް ކަމަށާއި ވަކި ގައުމަކަށް އިސްކަން ދީ ނުވަތަ ވަކި ގައުމަކާ ޖައްސާލައިގެން ނޫޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބި ކަމުގެ އަޑުތައް ފެތުރިފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އަސްކަރީ ގޮތުން ހަރަކާތްތެރިވާ ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮޕަރޭޝަނަލް ކޮމާންޑުގެ ދަށުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.