ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިން އެހީގެ ތަކެތި ފޮނުވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބާޗީ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ގާތްގަނޑަކަށް 6.5 ޓަނުގެ މެޑިކަލް އެހީ އާއި 32 ޓަނުގެ ޑިޒާސްޓާ ރިލީފް މެޓީރިއަލް ހިފައިގެން އައިއޭއެފްގެ ސީ-17 ފްލައިޓެއް މިސްރުގެ އެލް-އާރިޝް އަށް ދާން ފުރާފައިވާ ކަމަށެވެ.
މި ތަކެތީގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ބޭހާއި ސާޖިކަލް ސާމާނާއި ޓެންޓާއި ސްލީޕިން ކޮތަޅާއި ޓާޕަލިން އާއި ސެނިޓަރީ ޔުޓިލިޓީސް އަދި ފެން ސާފުކުރާ ޓެބްލެޓް ފަދަ ތަކެތި ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އިންޑިއާއިން ފަލަސްތީނަށް އެހީ ފޮނުވާފައި ވާއިރު ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިންޑިއާ ދެމި އޮންނާނެ ކަަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މޯދީ މިހެން ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ.
އެ ސަރަހައްދުތަކުގައި ހިންގަމުންދާ ޓެރަރިޒަމް ހަރަކާތްތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ސާލާމަތީ ހާލަތު ގޯސް ވަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަން ވެސް މޯދީ ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި އިންޑިއާއިން ޒަމާނުއްސުރެ ގެންގުޅޭ އުސޫލުތަކުގެ ވާހަކަ މޯދީ ވަނީ އައްބަސްއާ ދެއްކެވި ވާހަކައިގައި ތަކުރާރު ކުރައްވާފައެވެ.
ގާޒާގައި ހުންނަ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ އާ ގުޅިގެން މީގެ ކުރިން ވެސް މޯދީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ތައުޒީޔާގެ މެސެޖުގައި އޭނާ ވަނީ އެ ހަމަލާ ދިނުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.